އއ. އުކުޅަހުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި 50 ހައުސިންގ ޔުނިޓް ތަރައްގީކުރުމުގެ ބޮޑު މަޝްރޫޢުގެ އަމަލީ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ދިމާކޮށް ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫޢަކީ އުކުޅަހުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
އުކުޅަހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބާއި، މަޝްރޫޢުގެ ކޮންޓްރެކްޓަރު އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ ކުންފުނީގެ މެނޭޖަރު އިބްރާހިމް އަޒީމެވެ. މި ރަސްމިއްޔާތުގައި ރަށުގެ ކައުންސިލްގެ އިސްވެރިންނާއި، އެކި މުއައްސަސާތަކުގެ މަންދޫބުންގެ އިތުރުން ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ. އުކުޅަހުގައި އަޅާ މި 50 ހައުސިންގ ޔުނިޓަކީ 3 ކޮޓަރީގެ ޖާގަ ތަނަވަސް ޔުނިޓްތަކެއްގެ ގޮތުގައި ފަރުމާކޮށްގެން އިމާރާތްކުރާ ތަންތަނެވެ.
މި ބޯހިޔާވަހިކަމުގެ މަޝްރޫޢު ކުރިއަށްގެންދިއުމަށް އަލްޓެކް މޯލްޑިވްސްއާ ހަވާލުކޮށްފައިވަނީ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމުމަށް އެ ކުންފުންޏަށް ދީފައިވަނީ 1 އަހަރާއި 7 މަސް ދުވަހުގެ މުއްދަތެކެވެ. މި މަޝްރޫޢު ކުރިއަށްދަނީ އުކުޅަހުގައި އަލަށް ހިއްކާފައިވާ ސަރަޙައްދުގައެވެ. އާބާދީގައި ގާތްގަނޑަކަށް 1200 އެއްހާ މީހުން ދިރިއުޅޭ އުކުޅަހުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ޖާގަ ހޯދުމުގެ ގޮތުން 2023 ވަނަ އަހަރު ވަނީ އެ ރަށުން 13 ހެކްޓަރުގެ ބިން ހިއްކާފައެވެ.

އުކުޅަހުގެ ހިއްކި ސަރަޙައްދުގައި ތަރައްޤީކުރާ ހައުސިންގ ޔުނިޓްތަކުގެ އިތުރުން، އެ ބިމުން ރައްޔިތުންނަށް ދޫކުރުމަށްޓަކައި 250 ގޯތިވެސް ކަނޑައަޅާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި އިޢުލާނުކުރައްވާފައެވެ. މިގޮތުން ރަށުގެ ލޭންޑް ޔޫސް ޕްލޭން އިޞްލާޙުކޮށް، ގޯތި ދޫކުރުމާއި ހައުސިންގ މަޝްރޫޢުތައް އެއްކޮށް ކުރިއަށް ގެންދިއުމުން ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން މުޅިން ޙައްލުވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
ބޯހިޔާވަހިކަމުގެ މި ބޮޑު މަޝްރޫޢުގެ އިތުރުން، އުކުޅަހުގެ އިޤްތިޞާދީ އަދި މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި އެ ރަށުގައި 5 ޓަނުގެ އައިސްޕްލާންޓެއް ޤާއިމުކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ބަޔަކާ ހަވާލުކޮށްފައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ޅެހި ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއެވެ. އައިސްޕްލާންޓް ޤާއިމުކުރުމުގެ އެއްބަސްވުމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު މުއްޠަލިބެވެ. މި މަޝްރޫޢުތަކާއެކު އުކުޅަހުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ރަށުގެ ރައްޔިތުން އުއްމީދުކުރެއެވެ.









ކިޔުންތެރިންގެ ހިޔާލު