ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 ގައި ބައިވެރިކުރާ އުފެއްދުންތަކަށް އިންސާފުކޮށް ފަނޑިޔާރުކަން ކޮށްދޭނެ ފަރާތްތައް ހޯދުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އިއުލާނުކޮށްފިއެވެ.
މި މައުރަޒަކީ ދިވެހި އުފެއްދުންތެރިންނަށް އެކަށީގެންވާ ވާދަވެރި މާހައުލެއް ހޯދައިދީ، އެފަރާތްތަކުގެ އުފެއްދުންތެރިކަން އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމުގެ މަޤްޞަދުގައި އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިސްނެގުމުގެ މަތިން ބީސީސީން އިންތިޒާމްކުރާ މައުރަޒެކެވެ.
ފަނޑިޔާރުންގެ ޝަރުތުތައް
- ދިވެހި ރައްޔިތަކަށްވުމާއެކު 21 އަހަރު ފުރިފައިވުން
- ފަނޑިޔާރުކަން ކުރަން ހުށަހަޅާ ދާއިރާއިން މަދުވެގެން 5 އަހަރު ދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވުން.
- މައުރަޒުގެ އެއްވެސް ގިންތިއެއްގައި ވާދަކުރާ ފަރާތެއް ކަމުގައި ނުވުން.
- ފަނޑިޔާރުކަން ކުރާ ގިންތީގައި ވާދަކުރާ އެއްވެސް ފަރާތަކާ އާއިލީ ނުވަތަ ވިޔަފާރީގެ މަސްލަހަތެއް އޮތް ފަރާތެއް ކަމުގައި ނުވުން.
- މައުރަޒުގެ އެއްވެސް ގިންތިއެއްގައި ވާދަކުރާ ފަރާތެއް ކަމުގައި ނުވުން.
ބީސީސީން ބުނީ ފަނޑިޔާރުން ހޮވުމުގައި، ހާސިލްކޮށްފައިވާ ސަނަދުތަކާއި، މަސައްކަތުގެ މުއްދަތު އަދި އަހުލުވެރިކަމަށް ބަލާނެ ކަމަށެވެ. މީގެއިތުރުން ދާއިރާއާ ގުޅޭ ޤާނޫނުތަކާއި ޤަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރާއި، ކާމިޔާބީތަކާއި ފަނޑިޔާރުކަން ކުރުމުގެ ތަޖުރިބާއަށްވެސް ބެލުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، ފަނޑިޔާރުކަން ކުރުމަށް ކަނޑައަޅާފައިވާ މުއްދަތުގައި ވަގުތު ދެވޭނެ ފަރާތަކަށް ވާންޖެހޭނެ ކަމަށްވެސް ބީސީސީން ވަނީ ބުނެފައެވެ.

ފަނޑިޔާރުކަން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ އޮގަސްޓް 26 ވަނަ ދުވަހުގެ 15:00 އެވެ. ފަނޑިޔާރުކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ އޮރިއެންޓޭޝަން އަދި ޓްރެއިނިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 15 ސެޕްޓެމްބަރުން 30 ސެޕްޓެމްބަރުގެ ނިޔަލަށެވެ. އަދި ބައިވެރިންގެ ހުށަހެޅުންތަކަށް ފަނޑިޔާރުން އިންސާފުކުރުމަށް ކަނޑައަޅާފައިވަނީ 1 އޮކްޓޫބަރުން 23 އޮކްޓޫބަރުގެ ނިޔަލަށެވެ.
ފަނޑިޔާރުންނަށް ބީސީސީން ނިންމާ އުސޫލެއްގެ މަތިން ޚާއްޞަ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އުފެއްދުންތެރިކަމުގެ މައުރަޒުގައި ފަނޑިޔާރުކަން ކުރުމަށް ޝައުުގުވެރިވާ ފަރާތްތަކުން ލިޔެކިޔުންތައް ފުރިހަމަކުރުމަށްފަހު [email protected] އަށް އީމެއިލްކުރުމަށް ބީސީސީން ވަނީ އެދިފައެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މައުރަޒުގައި ބައިވެރިވުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. އޮގަސްޓް މަހުގެ ނިޔަލަށް ބައިވެރިވުމަށް ހުޅުވާލާފައިވާއިރު، މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އެޕްލިކޭޝަން ހުށަހަޅައިފައެވެ.









ކިޔުންތެރިންގެ ހިޔާލު