ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، 2026 ވަނަ އަހަރުގެ ޖުލައި މަހު ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރުން އާ ރެކޯޑެއް ގާއިމުކޮށްފި އެވެ. މިއީ ސީ-ޓު-އެއަރ އަދި އެއަރ-ޓު-އެއަރ އޮޕަރޭޝަންތަކުގެ ދަށުން ހާސިލުކުރެވުނު ބޮޑު ކުރިއެރުމެއް ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ ހާމަކޮށްފައެވެ.
މި މުއްދަތުގެ ތެރޭގައި ޓްރާންޝިޕްމަންޓް ކާގޯގެ ޖުމްލަ އަދަދު މަހެއްގެ މައްޗަށް 2,000 ޓަނަށްވުރެ މައްޗަށް ގޮސްފައިވާއިރު، މިއީ އެއަރޕޯޓުގެ ތާރީޚުގައި މިފަދަ މިންވަރަކަށް މުދާ އުފުލި ފުރަތަމަ ފަހަރެވެ. މި ނަތީޖާއާއެކު މީގެ ކުރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ހާސިލުކޮށްފައިވާ ހުރިހާ ރެކޯޑުތަކެއް ވަނީ މުގުރާލާފަ އެވެ. ވަކިން ހާއްސަކޮށް ސީ-ޓު-އެއަރ ޚިދުމަތަށް ބަލާއިރު، ޖުލައި މަހު އެކަނި ވެސް 621 ޓަނުގެ މުދާ ވަނީ ފޮނުވާފަ އެވެ. މިއީ މި ޚިދުމަތް ތައާރަފުކުރި ފަހުން މަހެއްގެ ތެރޭގައި އެންމެ ގިނައިން މުދާ އުފުލި ފަހަރެވެ.
މި ކާމިޔާބީއަކީ އެމްއޭސީއެލް އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގުޅިގެން ފެށި ސީ-ޓު-އެއަރ ކާގޯ ޚިދުމަތުގެ ދަށުން ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މިއީ ކަނޑުމަގުން ރާއްޖެއަށް ގެންނަ މުދާ ވައިގެ މަގުން ދުނިޔޭގެ އެކި މަންޒިލްތަކަށް އަވަހަށް ފޮނުވުމަށް ފަހިކޮށްދޭ ހަރުދަނާ ނިޒާމެކެވެ. މި ހިދުމަތުގެ ސަބަބުން ބަންގްލަދޭޝް ފަދަ ގައުމުތަކުން އުފައްދާ މުދާ، ހާއްސަކޮށް ތައްޔާރީ އަންނައުނު، ރާއްޖެ މެދުވެރިކޮށް ޔޫރަޕާއި އެމެރިކާގެ ބާޒާރުތަކަށް ފޮނުވުމަށް ބޮޑު ލުޔެއް ލިބިގެންގޮސްފައިވެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުޅުވި އާ ކާގޯ ޓާމިނަލްގެ ސަބަބުން މިފަދަ ބޮޑެތި އޮޕަރޭޝަންތައް ކުރިއަށްގެންދިއުމުގެ ގާބިލުކަން ވަނީ އެތައް ގުނައަކަށް އިތުރުވެފަ އެވެ. މި ޒަމާނީ ވަސީލަތްތަކާއެކު، ދުނިޔޭގެ މަޝްހޫރު އެތައް އެއަރލައިނަކުން މިހާރު ދަނީ ރާއްޖޭގެ ސީ-ޓު-އެއަރ ހިދުމަތުގައި ބައިވެރިވަމުންނެވެ. މި ކުރިއެރުންތަކުން ދައްކުވައިދެނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ އޭޝިއާ އާއި ޔޫރަޕްގެ އިތުރުން ދުނިޔޭގެ އެހެން ބޮޑެތި މާކެޓުތައް ގުޅުވައިދޭ ހިންދު ކަނޑުގެ މުހިންމު ލޮޖިސްޓިކްސް މަރުކަޒަކަށް ވަމުންދާ ކަމެވެ.









ކިޔުންތެރިންގެ ހިޔާލު