ސަރުކާރުގެ ޓޫރިޒަމް ޕްރޮމޯޓުކުރާ ކުންފުނި، އެމްއެމްޕީއާރުސީ މެދުވެރިކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހިންގި ބޮޑު ހިޔާނާތުގެ މައްސަލާފައި އެކުންފުނީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އާއިލީ ކުންފުންޏެއްގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށުގެ ދަޢުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް އޭސީސީން ނިންމައިފިއެވެ.
އޭސީސީއާއި ފުލުހުން ގުޅިގެން ކުރި ތަހުގީގަކަށް ފަހު އޭސީސީން ޕީޖީ އޮފީހަށް ފޮނުވީ ޒިޔަތުގެ އާއިލީ ކުންފުންޏެއް ކަމަށްވާ އެމްއެޗްއާރް ޓްޜޭޑިން ޕްރައިވެޓް ލިމިޓެޑާ ދެކޮޅަށް މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ކުރުމަށެވެ.
މި މައްސަލައިގެ ތަޙުޤީޤަށް ހާމަވެފައިވާ ގޮތުގައި، 2014 ވަނަ އަހަރުގެ ފެބުރުވަރީ މަހުން ފެށިގެން 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ފައިސާ، އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑުން އެމް.އެޗް.އާރ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް ޖަމާކޮށްފައިވާކަމަށެވެ. އެގޮތުން، 2014 އަދި 2015 ވަނަ އަހަރުގެ ތެރޭގައި އެކިފަހަރު މަތިން އެސް.އޯ.އެފްގެ ޗެކުތަކެއް މެދުވެރިކޮށް ޖުމްލަ 325,000.00 ޑޮލަރު (ތިން ލައްކަ ފަންސަވީސް ހާސް އެމެރިލާ ޑޮލަރު) އެމް.އެޗް.އާރ އަދި އެ ކުންފުނީގެ ދަށުން ހިންގަމުން ގެންދާ “ތަރުކާރީ ފިހާރަ” ގެ އެކައުންޓަށް ޖަމާކޮށްފައިވާކަން ތަޙުޤީޤަށް ވަނީ ހޯދިފައިކަމަށެވެ.

މި ފައިސާއަކީ ޑޮލަރު ގަނެވިއްކުމުގެ މުޢާމަލާތަކުން ލިބުނު ފައިސާކަމަށް ދެއްކުމަށް އެ ކުންފުނިން މަސައްކަތް ކޮށްފައިވީނަމަވެސް އެ ޗެކުތައް އެ ކުންފުންޏަށް ދިނީ ކޮން ފަރާތަކުންކަމާއި އަދި ޗެކުތަކަށް ދޭންޖެހޭ ދިވެހި ރުފިޔާ ދިން ގޮތެއްވެސް އެ ކުންފުންޏަށް ތަޙުޤީޤުގައި ސާބިތުކޮށްދެވިފައެއްނުވާކަމަށެވެ. އަދި އެމް.އެމް.ޕީ.އާރ.ސީ ޚިޔާނާތުގެ ތެރެއިން ދޫކޮށްފައިވާ އދ.ފުށިދިއްގާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެމް.އެމް.ޕީ.އާރ.ސީއަށް ދެއްކި 50,000.00 ޑޮލަރު (ފަންސާސް ހާސް އެމެރިކާ ޑޮލަރު) އެމް.އެޗް.އާރގެ އެކައުންޓަށް ޖަމާކޮށްފައިވަނީ އެމް.އެމް.ޕީ.އާރ.ސީ ޚިޔާނާތުގައި އިސްކޮށް މަސައްކަތްކޮށްފައިވާ ފަރާތެއްކަމަށްވާ ޢަބްދުﷲ ޒިޔާތު މެދުވެރިކޮށްކަމާއި އެ ޗެކު އެމް.އެޗް.އާރގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ބޭނުންކޮށްފައިވާކަން ތަޙްޤީޤަށްވަނީ ހޯދިފައިކަމަށް އޭސީސީން ވިދާޅުވެއެވެ.
މީގެއިތުރުން އެމް.އެޗް.އާރގެ އެކައުންޓަށް އެސް.އޯ.އެފްގެ އެކައުންޓުގެ ޗެކުތައް ޖަމާކޮށްފައިވާއިރު، ޗެކުތަކަކާ ގުޅޭގޮތުން ޢަބްދުﷲ ޒިޔާތުއާއި އެމް.އެޗް.އާރ ކުންފުނީގެ މެނޭޖިން ޑިރެކްޓަރއާ ދެމެދު މުޢާމަލާތްކޮށްފައިވާކަމާއި އެ މުޢާމަލާތްތަކުން އެމް.އެޗް.އާރގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން އެމް.އެޗް.އާރ ކުންފުނީގެ އެމްޑީއަށް ޝައްކުކުރެވޭނެ ހާލަތެއް އޮތްކަން ތަޙުޤީޤަށްވަނީ ހޯދިފައިކަމަށް އޭސީސީން ބުންޏެވެ. އަދި މި މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ، މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުމުގެ ޤާނޫނުގެ 53 ވަނަ މާއްދާއާއި އެ ޤާނޫނުގެ 58 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށުގެ ދަޢުވާކަމަށްވެސް އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ މި މައްސަލައިގެ ތެރެއިން އެސް.އޯ.އެފްގެ ޗެކުތައް މެދުވެރިކޮށް އެމް.އެޗް.އާރގެ އެކައުންޓަށް ޖަމާކޮށްފައިވާ 325,000.00 ޑޮލަރު (ތިން ލައްކަ ފަންސަވީސް ހާސް އެމެރިކާ ޑޮލަރު) ޑޮލަރަށްވާ 5,011,500.00ރ (ފަސް މިލިއަން އެގާރަ ހާސް ފަސް ސަތޭކަ ރުފިޔާ) އާއި އދ.ފުށިދިއްގާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެމް.އެމް.ޕީ.އާރ.ސީއަށް ދެއްކި 50,000.00 ޑޮލަރު (ފަންސާސް ހާސް އެމެރިކާ ޑޮލަރު) އެމް.އެޗް.އާރއަށް ޖަމާކޮށް އެ ފައިސާ އިންވެސްޓްކޮށްގެން ފައިދާގެ ގޮތުގައި ހޯދާފައިވާ ފައިސާ އަނބުރާ ހޯދުމަށް އެމް.އެމް.ޕީ.އާރ.ސީއަށް ފޮނުވަން ވެސް ނިންމާފައިވާކަމަށެވެ.









ކިޔުންތެރިންގެ ހިޔާލު