ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް "ކުށް ކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލު" ހުށަހެޅުއްވުމަކީ ކޮރަޕްޝަނާ ދެކޮޅަށް ދިވެހިރާއްޖޭގައި ކުރެވޭ މަސައްކަތުގައި ތާރީޚީ މުހިންމު ފިޔަވަޅެއް ކަމަށް ބުނެ އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެކަމަށް މަރުޙަބާ ކިޔައިފިއެވެ.

އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ މި ބިލުގެ ސަބަބުން ކޮރަޕްޝަންގެ ކުށްތައް ހުއްޓުވުމަށާއި ބޮޑެތި ކުށްތަކުން ހޯދާ ނުޙައްޤު މަންފާ އަނބުރައި ދައުލަތަށް ނެގުމަށް ވަރުގަދަ ޤާނޫނީ އޮނިގަނޑެއް ޤާއިމުވެގެންދާނެ ކަމަށެވެ. އަދި ޤާނޫނާ ޚިލާފަށް ހޯދާ މުއްސަނދިކަން ކުށްވެރިންނަށް ލިބެމުންދިއުން ހުއްޓުވުމަށް މިއީ ބޭނުންތެރި ޤާނޫނެއް ކަމަށްވެސް އެ ކޮމިޝަނުން ފާހަގަކުރިއެވެ.

މި ފިޔަވަޅަކީ މުސްތަޤުބަލުގެ ޖީލުތަކަށްޓަކައި ދައުލަތުގެ ވަސީލަތްތައް ރައްކާތެރިކުރުމަށްޓަކައި މުއައްސަސާތަކުން ގުޅިގެން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ބާރެކެވެ. ދިވެހިރާއްޖޭގައި ޤާނޫނުގެ ވެރިކަން ނަގަހައްޓައި އިންސާފު ޤާއިމުކުރުމަށްޓަކައި، މި ނިޒާމު އެންމެ ފުރިހަމައަށް ހިންގުމުގައި ދައުލަތުގެ މުއައްސަސާތަކާއި ބައިނަލްއަޤްވާމީ ބައިވެރިންނާ އެކު ގާތުން މަސައްކަތް ކުރާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އިޝްތިހާރު އިޝްތިހާރު

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ އުންމީދަކީ މި ބިލު ވީ އެންމެ އަވަހަށް އަދި ފަންނީގޮތުން އެންމެ ފުރިހަމައަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ޢަމަލީ ސިފައެއްގައި ތަންފީޒުކުރަން ފެށިގެން ދިއުމެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުވިކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މައިގަނޑު ބޭނުމަކީ ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން ނުޙައްޤުން ހޯދާ މުދާ ނަގައި، އެ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުން ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ބިލުގެ ސަބަބުން ޖިނާއީ ބޮޑެތި ކުށްތައް ކޮށްގެން ހޯދާ މުދަލުން މާލީ މަންފާ ހޯދުން ހުއްޓުވޭނެއެވެ. އަދި އެކި ފަރާތްތަކުން ޖިނާއީ ބޮޑެތި ކުށްކޮށްގެން ހޯދާފައިވާ ދައުލަތުގެ މުދާ އަނބުރާ ދައުލަތަށް ނެގުމުގައި މިހާރު ދިމާވެފައިވާ ޤާނޫނީ މައްސަލަތަކަށްވެސް މި ބިލުން އެދެވޭ ޙައްލެއް ލިބިގެންދާނެއެވެ.