މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާއިރު، އެ ބަނދަރުގެ އޮޕަރޭޝަންތަކުގެ ބޮޑު ބައެއް ތިލަފުއްޓަށް ބަދަލުކޮށް، ބާކީ ހުރި ޚިދުމަތްތައް މާލޭގެ އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުން ފޯރުކޮށްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް، އެތަން ބޭނުންކުރަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ.
ޕީއެސްއެމް ނިއުސްގެ ނޭޝަން ޗެޓް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، ޕޯޓު ތަރައްޤީކުރުމަކީ ރާއްޖޭގެ އިޤްތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި އެޅޭ އެންމެ މުހިންމު ފިޔަވަޅެވެ. މި މަސައްކަތް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްދާކަމަށާއި، މިހާރުވެސް ބަނދަރު ބަދަލުކުރުމުގެ ގިނަ މަސައްކަތްތަކެއް ނިމިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުން ޖާގައިގެ ދަތިކަމަށް ހައްލު ލިބި، މުދާ ބަރުކުރުމާއި ބޭލުމުގެ އޮޕަރޭޝަންތަކަށް ބޮޑު ލުޔެއް ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޔަޤީންކަން ދެއްވިއެވެ. ބަނދަރުގެ މުޅި އޮޕަރޭޝަން އެއްކޮށް ތިލަފުއްޓަށް ބަދަލުނުކުރާނެކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ޕޯޓުގެ ޚިދުމަތްތަކުގެ ގާތްގަނޑަކަށް 80 އިންސައްތަ މަސައްކަތް ތިލަފުއްޓަށް ބަދަލުވާނެ ކަމަށެވެ. ބާކީ ހުރި މަސައްކަތްތައް މާލޭގެ އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުގައި، ޓީޖެޓީއާ ގުޅުވައިގެން ޕްލޭންކުރެވިފައިވާ ގޮތަށް ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް ސަރުކާރުން ހަމަޖައްސަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި އޮޕަރޭޝަންތައް ރާވަމުންދަނީ ތިލަމާލެ ބްރިޖް ބޭނުންކުރަން ނުފެށުނު ނަމަވެސް ޕޯޓުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދެވޭނެ ގޮތަށެވެ. އަދި ކޮންޓެއިނަރ އޮޕަރޭޝަނާއެކު ރޯރޯ ފެރީގެ ޚިދުމަތްތައްވެސް މި ސަރަހައްދުތަކުން ފޯރުކޮށްދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަމިއްލަ ވިޔަފާރިތަކަށް މި ސަރަހައްދުތަކުން ޖާގަ ދޫކޮށް، ވިޔަފާރިތަކަށް ފަސޭހަތައް ހަމަޖައްސައިދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.
ޒަމާނީ ފެންވަރަށް ތަރައްޤީކުރާ މި ބަނދަރުގެ އޮޕަރޭޝަންތައް ކުރިއަށްދާނީ ފުރިހަމައަށް ޑިޖިޓަލައިޒް ކުރެވި، އޮޓޮމޭޝަންގެ ތެރެއިންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ބަދަލުގެ ސަބަބުން މަސައްކަތްތަކުގެ އެފިޝެންސީ އިތުރުވެ، ވަގުތު ސަލާމަތްވެ، ތަކެތީގެ އަގު ހެޔޮވެ، ރައްޔިތުންނަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިހާރު ބޭނުންކުރާ ބަނދަރަށްވުރެ 10 ގުނަ ބޮޑު ބިމެއްގައި ތަރައްޤީކުރާ ތިލަފުށީ ބަނދަރުގެ މަގަތުފާލަން ތަރައްޤީކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ. މި މަސައްކަތް ހަވާލުކުރެވިފައިވަނީ ޗައިނާ ހާބަރ އިންޖިނިއަރިން ކުންފުންޏާއި އެމްޓީސީސީއާއެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން ހާމަކުރާ ގޮތުގައި ތިލަފުށީގައި ތަރައްޤީކުރާ މަގަތުފާލަމަކީ މިހާރު މާލޭގައި ބޭނުންކުރާ މަގަތުފާލަމަށްވުރެ 3 ގުނަ ދިގު ފާލަމެކެވެ.









ކިޔުންތެރިންގެ ހިޔާލު