ޖަޕާނުގެ ދެކުނުހުޅަނގު ކުމަމޯޓޯ ރީޖަންއަށް މިއަދު އައި ބާރުގަދަ ބިންހެލުމުގައި އެއްވެސް މީހަކު މަރުވިކަމުގެ ރިޕޯޓް އަދި މިހާތަނަށް ލިބިފައި ނުވާކަމަށް ޖަޕާނުގެ ބޮޑުވަޒީރު ސަނައީ ޓަކައިޗީ ވިދާޅުވެއްޖެއެވެ.

މީޑިއާއާއާ ވާހަކަ ދައްކަމުން ބޮޑުވަޒީރު ވިދާޅުވީ، ބިންހެލުމާއި ގުޅިގެން ބައެއް މީހުންނަށް އަނިޔާވެފައިވާ ކަމަށާއި، ބައެއް ހިސާބުތަކުން އިމާރާތްތައް ވެއްޓިފައިވާކަމުގެ ރިޕޯޓްވެސް ލިބިފައިވާ ކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނަނީ 50 ވަރަކަށް މީހުންނަށް އަނިޔާވި ކަމަށް މިހާތަނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

މަގުތަކުގައި ރެނދުލައި، ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ބިންހެލުމުގެ ސަބަބުން ކިޔޫޝޫ އެކްސްޕްރެސްވޭ މަގުގެ ބްރިޖަށްވެސް ކޮންމެވެސް ވަރަކަށް ގެއްލުންވެފައިވެއެވެ.

ކުމަމޯޓޯ ރީޖަންގެ އޫރީއަށް މިއަދު އައި ބިންހެލުމުގެ ބާރުމިންހުރީ ރިކްޓަރ މިންގަނޑުން 7.1 ގައެވެ.

ބިންހެލުން އައުމާއެކު އައްސޭރިފަށުގެ ބައެއް ހިސާބުތަކަށް އެއް މީޓަރުގެ އުސްމިނުގެ ސުނާމީ އަރާނޭކަމުގެ އިންޒާރުވެސް ނެރުނެވެ. އަދި ބައެއް ހިސާބުތަކަށް އުސް ރާޅު އަރާފައިވާ ކަމަށް ޖަޕާނުގެ މީޑިއާއިން ބުނެއެވެ.

ބިންހެލުމުގެ ބާރުގަދަ ނަމަވެސް އިމާރާތްތަކާއި މީހުންނަށް ލިބުނު ގެއްލުންތައް ކުޑަވެގެންދިޔައީ، އިމާރާތްކުރުމަށް ޖަޕާނުގައި ގެންގުޅޭ ހަރުކަށި އުސޫލުގެ ސަބަބުންނާއި، އިމާރާތްތައް ހަދާފައިވާގޮތާއި އަދި މީހުން އެކަމަށް ހޭލުންތެރިކުރުވިފައިވާލެއް ފުރިހަމަ ކަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

2016 ވަނަ އަހަރު އެ ސަރަހައްދަށް އައި ބާރުގަދަ އަދި ގެއްލުންބޮޑު ބިންހެލުމާ ގުޅިގެން އޭގެފަހުން ރައްކާތެރި އެތައް ފިޔަވަޅުތަކެއް އަޅާފައި ވެއެވެ.