ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރޮޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ދައުލަތުގެ ހިއްސާ އޮންނަ ބީސީސީ، އެމްއެފްއެމްސީ އަދި މިފްކޯގެ ބޯޑަށް އާ މެމްބަރުން އައްޔަންކޮށްފިއެވެ.
ޕީސީބީން އަލަށް މެމްބަރުން އައްޔަންކޮށްފައިވަނީ ދިވެހިރާއްޖޭގެ އިގުތިސާދުގައި މުހިންމު ދައުރެއް އަދާކުރާ ތިން ކުންފުންޏެއްގެ ބޯޑަށެވެ. އެގޮތުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ބޯޑު މެމްބަރުކަމަށް އައްޔަންކޮށްފައިވަނީ ސީނު ފޭދޫ އާބާދީގެ ފާތިމަތު އާޒިޔާ ފަތުހީއެވެ. މީގެ އިތުރުން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއެފްއެމްސީ) ގެ ބޯޑަށް ހާ އަލިފު ތަކަންދޫ ރަތްވިލާގެ ހުސައިން އަބްދުލްވާހިދު ވަނީ އައްޔަންކޮށްފައެވެ. އަދި ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ) ގެ ބޯޑު މެމްބަރުކަމަށް ސީނު ހިތަދޫ މީނާޒް އީނާސް ނަސީރު ވަނީ އައްޔަންކޮށްފައެވެ.
މި ތިން ކުންފުނީގެ ބޯޑަށް އާ މެމްބަރުން އައްޔަންކޮށްފައިމިވަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ހަރަދު ކުޑަކުރުމުގެ ގޮތުން މުހިންމު ފިޔަވަޅުތަކެއް ޕީސީބީން އަޅަމުންދާ ދަނޑިވަޅެއްގައެވެ. މިގޮތުން، ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް މިދިޔަ އޭޕްރިލް މަހު ޕީސީބީން ވަނީ އަންގާފައެވެ. އަދި މި މަސައްކަތް ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ދާދިފަހުން ވަނީ އަލުން ކުންފުނިތަކަށް އަންގާފައެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ފައިދާވާ ކުންފުނިތަކަކަށް ހެދުމަށްޓަކައި ބޯޑުތަކަށް ގެނެވޭ މިފަދަ ބަދަލުތަކަކީ މުހިންމު ބަދަލުތަކެއް ކަމުގައި ކަމާބެހޭ ފަރާތްތަކުން ދެކެއެވެ. އާ މެމްބަރުންނާއެކު މި ކުންފުނިތަކުގެ ހިންގުމުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ކުންފުނިތަކުގެ އަމާޒުތަކަށް ވާސިލުވުމަށް މަގުފަހިވެގެންދާނެކަމަށް ބެލެވެއެވެ. ވަކިން ހާއްސަކޮށް ހަރަދު ކުޑަކުރުމަށް އަންގާފައިވާ އެންގުންތައް ތަންފީޒުކުރުމުގައި އާ ބޯޑު މެމްބަރުންގެ ދައުރު ބޮޑުވާނެކަމަށް ލަފާކުރެވެއެވެ.









ކިޔުންތެރިންގެ ހިޔާލު