ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި އިޤުތިޞާދު ކުރިއެރުވުމުގެ އަމާޒުގައި، ދިވެހިރާއްޖެއާއި ފެޑެރަލް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް އިތިއޯޕިއާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ޤާއިމުކުރުމުގެ މުހިންމު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުޙައްމަދު އަމީނެވެ. އިތިއޯޕިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓަރު ޖެނެރަލް ޔޮއާނަސް އަބޭރާ ބެލެޓޭއެވެ. މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭ ފަހުމުނާމާއެއްގައި ވެސް މި ރަސްމިއްޔާތުގައި ވަނީ ސޮއިކޮށްފައެވެ.
މިނިސްޓަރު އަމީން ހާމަކުރެއްވި ގޮތުގައި އިތިއޯޕިއާއަކީ އެފްރިކާ ބައްރުގެ ޤައުމުތަކުގެ ތެރެއިން ރާއްޖެއިން މިފަދަ އެއްބަސްވުމެއް އެކުލަވައިލި ހަވަނަ ޤައުމެވެ. މީގެ ކުރިން މިޞްރު، މޮރިޝަސް، ރުވާންޑާ، ސީޝެލްސް އަދި ސައުތު އެފްރިކާއާއެކު ވެސް ދިވެހިރާއްޖެއިން ވަނީ ވައިގެ ދަތުރުފަތުރުގެ އެއްބަސްވުންތައް ޤާއިމުކޮށްފައެވެ. މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ އެއާލައިންތަކުގެ މެދުގައި ޝެޑިއުލް ސީދާ ދަތުރުތައް ފެށުމުގެ މަގު ފަހިވެގެންދާނެކަން ސަރުކާރުން ފާހަގަކުރެއެވެ. އެގޮތުން، އެފްރިކާ ބައްރުގެ އެންމެ ބޮޑު ވިއުގަ އޮންނަ އިތިއޯޕިއަން އެއާލައިންސުން އެޑިސް އަބާބާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައިވާއިރު، ރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަނަށް ވެސް އިތިއޯޕިއާއަށް ސީދާ ދަތުރުތައް ކުރުމަށް ފުރުޞަތު ހުޅުވިގެންދާނެއެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުކޮށް، ފަތުރުވެރިކަމުގެ ސިނާޢަތް ފުޅާކުރުމާއެކު އިޤުތިޞާދީ ޙަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. މިއީ ރާއްޖޭގެ އިޤުތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށާއި، ބައިނަލްއަޤުވާމީ މަސްރަޙަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށް، ވިލުންވެރި ވައިގެ ދަތުރުފަތުރުގެ ސިނާޢަތެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުތަކުގެ ދަށުން ޙާޞިލުވަމުންދާ މުހިންމު ނަތީޖާއެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ އެކި ހަބް އެއާޕޯޓްތަކުން ރާއްޖެއަށް ސީދާ ދަތުރުތައް ކުރެވޭނެ މަގުތައް ފަހިކުރުމަށް އެޅުނު މި ފިޔަވަޅުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާއި ވިޔަފާރީގެ ސިނާޢަތަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެއެވެ. އަދި މި އެއްބަސްވުމުގެ ލާބަޔާއި މަންފާ އެންމެ ފުރިހަމަ ގޮތުގައި ހޯދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ފަތުރުވެރިކަމުގެ ސިނާޢަތުގެ ބައިވެރިންނަށާއި ވިޔަފާރިވެރިންނަށް ސަރުކާރުން ވަނީ އިލްތިމާސްކުރައްވާފައެވެ.









ކިޔުންތެރިންގެ ހިޔާލު