ހއ. ހޯރަފުށީގައި ގާއިމުކޮށްފައިވާ ކުޑަކުދިންގެ ވަގުތީ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގައި ތިބި ތިން ކުއްޖަކު، އެ ރަށު މީހަކަށް ހަމަލާދީ މާރާމާރީ ހިންގި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާގެ ރިޕޯޓްކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. އެގޮތުން އެ މަރުކަޒުގައި ތިބި ތިން ކުއްޖަކު މަރުކަޒުން ބޭރަށް ނުކުމެ، ރަށުގެ އާންމު ފަރާތަކަށް ހަމަލާދީފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން ހޯރަފުށީގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މަގުމައްޗަށް ނުކުމެ، އެކަމާ މެދު ނުރުހުން ފާޅުކޮށް އިހުތިޖާޖު ކޮށްފައެވެ.

އިޝްތިހާރު އިޝްތިހާރު

ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވާ ގޮތް ދެނެގަތުމަށާއި، މިކަމުގައި އިހުމާލެއް އޮތްތޯ ބެލުމަށްޓަކައި ކަމާބެހޭ ދައުލަތުގެ އިދާރާތަކާ ގުޅިގެން ތަހުގީގު ކުރިއަށްދާ ކަމަށެވެ.

 

މި ހަމަލާގައި އަނިޔާވި މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ހާމަކޮށްފައި ނުވި ނަމަވެސް މީސް މިޑިއާގައި ދަނީ ދައުރުވަމުންދާ ވީޑިއޯއަކުން، އަނިޔާކޮށްފައިވާ އެ މީހާ އެރަށު ގެއެއްގެ ތެރެއިން ނެރެގެން އެމްބިއުލާންސްއަށް އަރުވައިގެން ގެންދާ ތަން ފެނެއެވެ.

މި މަރުކަޒަކީ ކުށްކުރާ ކުޑަކުދިންނާއި، އަޅާލުން ބޭނުންވާ ކުދިންނަށް ފަރުވާ ދިނުމަށް ދައުލަތުން ހިންގާ މަރުކަޒެކެވެ. މީގެ ކުރިންވެސް މިފަދަ ބައެއް ހާދިސާތައް އެކި ރަށްރަށުގައި ހުންނަ މިފަދަ މަރުކަޒުތަކުގައި ހިނގާފައިވާކަން ފާހަގަކުރެވެއެވެ