ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، އުމުރުން 47 އަހަރުގައި ޑރ. އައިމިނަތު ފަޒުނާ މިއަދު މާލޭގައި ވަނީ ނިޔާވެފައެވެ.
މާލޭގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ޑރ. ފަޒުނާ ނިޔާވީ މިއަދުގެ ވަގުތެއްގައެވެ. އޭނާގެ ކަށުނަމާދު އޮންނާނީ މިއަދުގެ އިޝާ ނަމާދަށްފަހު މާލޭ އާސަހަރާ މިސްކިތުގައެވެ.
ޑރ. ފަޒުނާ އަކީ މެލޭޝިއާގެ ނެޝަނަލް ޔުނިވާސިޓީ އާއި އެމެރިކާގެ ޔުނިވާސިޓީ އޮފް ކެލިފޯނިއާއިން މަތީ ތައުލީމާއި ތަމްރީނު ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އޭނާ ކިޔަވާ ވިދާޅުވުމަށް ފަހު ރާއްޖެ ވަޑައިގެން އައިޖީއެމްއެޗްގައި ބަލިމީހުން ބައްލަވަން ފެއްޓެވީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. މިއާއެކު އޭނާ ވެގެން ގޮސްފައިވަނީ މި ދާއިރާއިން ރާއްޖޭގައި ޚިދުމަތްދެއްވަން ފެށި ފުރަތަމަ ދިވެހި ޑޮކްޓަރަށެވެ.

ކުޑަކުދިންގެ ހެދިބޮޑުވުމާ ބެހޭ ބަލިތަކަށް ފަރުވާދެއްވުމުގައި ޑރ. ފަޒުނާ ވަނީ ފާހަގަކޮށްލެވޭ މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން އޯޓިޒަމް އާއި އޭޑީއެޗްޑީ އަދި އުނގެނުމުގެ އުނދަގޫތައް ހުންނަ ކުދިން ދެނެގަތުމަށް ބޭނުންވާ އެސެސްމެންޓްތައް ހެއްދެވުމުގައި އޭނާ ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.
ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބުނު މި ބޮޑު ހިތާމައިގައި، އޭނާއާއެކު މަސައްކަތްކުރެއްވި އެކުވެރިންނާއި ސިއްހީ ދާއިރާގެ މުވައްޒަފުންގެ އިތުރުން ފަރުވާ ހޯދި ގިނަ ކުދިންގެ އާއިލާތަކުން ދަނީ ފުން ހިތާމަ ފާޅުކުރަމުންނެވެ.









ކިޔުންތެރިންގެ ހިޔާލު