ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖީއޭ) ހިންގުމުގެ އެންމެ އިސްވެރިޔާ، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން އިއްޔެ ހުޅުވާލައިފިއެވެ.

އެ މަގާމުގައި އެންމެ ފަހުން ހުންނެވީ، އަމްޖަދު މުސްތަފާއެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އޭޕްރިލް މަހުއެވެ.

ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގެ ދައުރަކީ ފަސް އަހަރެވެ. މުސާރައަކީ މަހަކު 47،500 ރުފިޔާއެވެ. އެއީ އަސާސީ މުސާރައިގެ 30،500 ރުފިޔާއާއި، ލިވިން އެލަވަންސްގެ 15،000 ރުފިޔާއާއި ފޯން އެލަވަންސްގެ ގޮތުގައި 2،000 ރުފިޔާއެވެ.

އިޝްތިހާރު އިޝްތިހާރު

މި މަގާމަށް އައްޔަން ކުރަނީ ގާނޫނީ ދާއިރާއިން ނުވަތަ ހިންގުމުގެ ދާއިރާއިން މަދުވެގެން 10 އަހަރުގެ ތަޖުރިބާއާއި ފުރަތަމަ ޑިގްރީގެ ފެންވަރު ހުންނަ ބޭފުޅުންނެވެ.

މި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ރާއްޖޭގެ ކޯޓުތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލުމާއި، މުވައްޒަފުންގެ ވަޒީފާއާބެހޭ ކަންކަން ބެލެހެއްޓުމާއި، ޝަރުއީ ދާއިރާގެ ބަޖެޓް އެކުލަވާލުން ހިމެނާފައިވާއިރު މީގެ އިތުރުން ފަނޑިޔާރުންނާއި މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ރޭވުމާއި، ކޯޓުތަކުގެ ވަސީލަތްތައް ހޯދައިދިނުމެވެ.

މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން ޖޭއެސްސީގެ "ފަހިރެސް" ޕޯޓަލް މެދުވެރިކޮށް މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންޖެހެއެވެ.