ދުވަހުން ދުވަހަށް މަޝްރޫޢުތަކުގެ ކަންކަން އިންތިޒާމުކޮށް ވިލަރެސްކުރުމަށްޓަކައި ކޮންމެ ވުޒާރާއެއްގައި ޚާއްޞަ ޔުނިޓެއް ގާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
ސަރުކާރުން ޢާންމުންނަށް ދޭ ޚިދުމަތްތައް ހަރުދަނާކުރުމަށާއި، ކަނޑައަޅާފައިވާ ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމުމަށްޓަކައި ވަޒީރުންގެ މަޖިލީހުން ވަނީ މުހިންމު ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައެވެ. މިގޮތުން، މަޝްރޫޢުތައް ކުރިއަށްދާ ގޮތް ދުވަހުން ދުވަހަށް ބަލައި ވިލަރެސްކުރުމަށް ހުރިހާ ވުޒާރާއެއްގައި ޚާއްޞަ ޔުނިޓެއް އުފެއްދުމަށް ވަނީ ކަނޑައަޅާފައެވެ. މި ފިޔަވަޅަކީ މަސައްކަތްތަކުގެ ދުވެލި ހަލުވިކޮށް، ނަތީޖާ ނެރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ސަރުކާރުގެ މަޝްރޫޢުތަކާއި ހަރަކާތްތައް ވިލަރެސްކުރުމަށް ބޭނުންކުރާ ދުވެލި ޕޯޓަލާއި، މާލީ ވުޒާރާއިން ފަރުމާކޮށްފައިވާ ޕަބްލިކް އިންވެސްޓްމަންޓް މެނޭޖްމަންޓް ސިސްޓަމް ޕޯޓަލް މި ހަފުތާގެ ނިޔަލަށް އަދާހަމަކުރުމަށް ވަނީ ނިންމަވާފައެވެ. އަދި މި ޕޯޓަލްތަކުގެ މައުލޫމާތު ވަގުތުން ވަގުތަށް އަދާހަމަކުރަމުން ގެންދިއުމަށް ވެސް ވަނީ އަންގަވާފައެވެ. މީގެ އިތުރުން، މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ވުޒާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދިމާވާ މައްސަލަތައް ދެނެގަނެ ހައްލުކުރުމަށް މާލީ ވުޒާރާގައި ޚާއްޞަ ޓީމެއް ގާއިމުކުރުމަށް ވެސް ވަނީ ފާސްކޮށްފައެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ހިންގާ މަޝްރޫޢުތައް ކަނޑައަޅާފައިވާ ތާރީޚުތަކަށް ނިންމުމަށްޓަކައި، ކޮންޓްރެކްޓަރުންނާއި މާލީ ވުޒާރާއާ ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމަވާފައެވެ. ހަމައެއާއެކު، އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް މުޅި ރާއްޖެ އާރްޓީއެލް ވިއުގައިން ގުޅާލުމުގެ މަސައްކަތް އިސްކަންދީގެން ކުރިއަށް ގެންދިއުމަށް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން، އަތޮޅުތެރޭގައި ކެމިކަލް ރައްކާކުރާ ގުދަންތައް ހެދުމުގެ ހުއްދަ ދެން ދޫކުރާނީ މީހުން ދިރިއުޅޭ ސަރަޙައްދުތަކާ ދުރުގައިވާ ރައްކާތެރި ތަންތަނުގައި ކަމަށް ވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.
ސަރުކާރުން ފަށާފައިވާ ބައެއް ތަރައްގީގެ މަޝްރޫޢުތައް އެންމެ އެކަށީގެންވާ ބާރުމިނުގައި ކުރިއަށް ނުދާކަމުގެ ޝަކުވާތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ އެ މަސައްކަތްތައް ހުއްޓާނުލާކަމުގެ ޔަގީންކަން ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ހުރިހާ މަޝްރޫޢުތަކެއް ވެސް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ނިންމަވާނެ ކަމަށާއި، މިހާރު އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ސަބަބުން މަޝްރޫޢުތަކުގެ ދުވެލި އަވަސްވެގެންދާނެ ކަމަށެވެ.












ކިޔުންތެރިންގެ ހިޔާލު