ބިދޭސީއެއްގެ އަތުން ފައިސާ ނެގުމަށްފަހު އެ މީހާ ބަންދުން ދޫކޮށްލި މައްސަލާގައި އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު 25 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މިދިޔަ އަހަރުގެ މާޗް މަހު ޝަމްއާން މަގާމުން ވަކިކޮށް, އޭނާ ހައްޔަރުކުރީ 500،000ރ. އާއެކު އިމިގްރޭޝަނުން ހިފެހެއްޓި ބިދޭސީއަކު ޝަމްއާންގެ އަމުރަށް އޭގެ އެއް ދުވަސް ފަހުން ދަންވަރުގެ ވަގުތެއްގައި ދޫކޮށްލުމަށްފަހު އިމިގްރޭޝަންގެ މުވައްޒަފުންތަކެއް އެ މީހާ އަތުން ފައިސާ އަތުލައިގެން ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ބުނެ އެވެ.
އެ މައްސަލާގައި ޝަމްއާންގެ މައްޗަށް ދައުލަތުން ކުރީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑްރިންގެ ދައުވާ އެވެ.
އެ ތިން ދައުވާ ވެސް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ނިިންމުމަށްފަހު ހުކުމްކުރީ 25 އަހަރަަށް ޖަލަށްލުމަށެވެ. އެއީ މަނީ ލޯންޑްރިންގެ ކުށުގައި 15 އަހަރަށް އަދި ފޭރުމުގައި ބައިވެރިވުމުގެ ކުށުގައި އަށް އަހަރަށް އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގައި ދެ އަހަރަށް ޖަލަށްލުމަށެވެ.
މީގެ އިތުރުން ފަސް ލައްކަ ރުފިޔާގެ ޖޫރިމަނާއެއް ކުރުމުގެ އިތުރުން ޝަމްއާން ފޭރުނު ފަސް ލައްކަ ރުފިޔާ އަނބުރާ ދެއްކުމަށް ވެސް ޝަމްއާންގެ މައްޗަށް ހުކުމުގައި އެންގި އެވެ.
ޝަމްއާންގެ މައްޗަށް ކޮންމެ ދައުވާއެއްގައި އެންމެ ބޮޑު އަދަބެއް ދިނުމަށް ދައުލަތުން އެދުނެވެ. އަދި ޝަމްއާން ޖަލަށްލުމުގެ ބަދަލުގައި އެހެން ބާވަތުގެ އަދަބަކަށް ބަދަލުކުރަން ޝަމްއާންގެ ފަރާތުން އެދުނެވެ. އެހެން ނަމަވެސް ކޯޓުން ނިންމީ އަދަބުގެ ބާވަތް ބަދަލު ނުކުރުމަށެވެ.










ކިޔުންތެރިންގެ ހިޔާލު