މިއަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 345 މިލިއަން ޑޮލަރު ވިއްކާފައިވާކަން އެ ބޭންކުން އާންމުކުރި ތަފާސްހިސާބުން ދައްކައިިފިއެވެ.
ބީއެމްއެލްއިން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ފަސް މަސް ދުވަހު ވިއްކި ޑޮލަރުގެ ތެރެއިން 147 މިލިއަން ޑޮލަރު ވިޔަފާރިތަކަށް ދޫކޮށްފައި ވާއިރު، ކާޑުގެ މުއާމަލާތްތަކަށް 198 މިލިއަން ޑޮލަރު ވަނީ ވިއްކައިފައެވެ. އެ މުއްދަތުގައި ވިޔަފާރިތަކުން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށާއި ކާޑުގެ މުއާމަލާތްތަކަށް އެވްރެޖްކޮށް މަހަކު 69 މިލިއަން ޑޮލަރު ވިއްކާފައިވެއެވެ.
ތަފާސްހިސާބުގައިވާ ގޮތުން މިއީ މިދިޔަ އަހަރުގެ އެވްރެޖް ކަމަށްވާ މަހަކު 47 މިލިއަން ޑޮލަރާ އަޅާބަލާއިރު 47 ޕަސެންޓް އިތުރު އަދަދެކެވެ.
މިދިޔަ ފަސް މަސް ދުވަހު ވިޔަފާރިތަކުން މުދާ އެތެރެކުރުމަށްޓަކައި ޑޮލަރު ވިއްކި މިންވަރު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރު އެވްރެޖްކޮށް މަހަކު 15 މިލިއަން ޑޮލަރު ވިއްކި ނަމަވެސް، މިއަހަރުގެ ފުރަތަމަ ފަސް މަސް ދުވަހު އެ އަދަދު ވަނީ 29 މިލިއަން ޑޮލަރަށް އިތުރުވެފައިކަން ތަފާސްހިސާބުގައިވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، ޑެބިޓް އަދި ކްރެޑިޓް ކާޑު މުއާމަލާތްތަކަށް ވިއްކި އަދަދު ވެސް ވަނީ 33 މިލިއަން ޑޮލަރުން މިއަހަރު 40 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. މިދިޔަ މަހުގެ ނިޔަލަށް ބީއެމްއެލްއިން 45,764 ޓީޓީއަށް ޑޮލަރު ވިއްކާފައިވާއިރު، ދިވެހި ރުފިޔާ އެކައުންޓްތަކާ ގުޅިފައިވާ ކާޑުތަކުން 3.1 މިލިއަން ޓްރާންސްކްޝަން ޑޮލަރުން ހަދާފައިވާކަން ތަފާސްހިސާބުން ދައްކައެވެ.
ބީއެމްއެލުން ބުނީ އެ ބޭންކުން އަބަދުވެސް އިސްކަންދެނީ ވިޔަފާރިތަކަށާއި އާންމު ފަރުދުންގެ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމަށެވެ. އަދި މިދިޔަ މަހުގެ ނިޔަލަށް ބޭންކުގެ ނެޓް އޯޕަން ޕޮޒިޝަން ހުރީ 6.6 ޕަސެންޓްގެ ޝޯޓް ޕޮޒިޝަނެއްގައިކަމަށް ބީއެމްއެލުން ބުންޏެވެ.
އެއީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވާއިދުން ލާޒިމްކުރާ މިންގަނޑުގައި ހިފެހެއްޓިފައިވާ މިންވަރެއް ކަމުގައި ވީނަމަވެސް، ބޭންކަށް ގަންނަން ލިބުނު ޑޮލަރަށް ވުރެ 69 މިލިއަން ޑޮލަރު އިތުރަށް ވިއްކާފައިވާކަން ބޭންކުގެ ތަފާސްހިސާބުތަކުން ފާހަގަކުރެވެއެވެ.










ކިޔުންތެރިންގެ ހިޔާލު