ރައްޔިތުންގެ އެކި ބޭނުންތަކަށް ބޭންކުތައް މެދުވެރިކޮށް ޑޮލަރު ދޫކުރުމަށް މަރުކަޒީ ބޭންކުން ވިއްކި ޑޮލަރުގެ އަދަދު ޖޫން މަހަށްވުރެ ޖުލައި މަހު 172 އިންސައްތަ އިތުރުވެފައިވާކަމަށް މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބުނެފިއެވެ.
އެ އޮތޯރިޓީން ހާމަކުރި ގޮތުގައި ޖުލައި މަހު އެމްއެމްއޭއަށް ލިބުނު ބޭރު ފައިސާއަށްވުރެ އެމަހު އެކި ބޭނުންތަކަށް ވިއްކި ޑޮލަރުގެ އަދަދު އިތުރުވެފައިވެއެވެ. މައިގަނޑު ގޮތެއްގައި ލިބުނު މިންވަރަށްވުރެ އިތުރަށް ޑޮލަރު ދޫކުރަންޖެހުނު ސަބަބަކީ ޖުލައި މަހަކީ ފަތުރުވެރިކަމުގެ އޯފް-ސީޒަނަށްވުމުގެ ސަބަބުން އެ މަހު މަރުކަޒީ ބޭންކަށް ޑޮލަރު ލިބުނު މިންވަރު މަދުވުންކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
އެމްއެމްއޭއިން ފާހަގަކުރި ގޮތުގައި ޖުލައި މަހު ޑޮލަރަށް އޮތް ޑިމާންޑުވެސް ކުރީ މަހާ އަޅާބަލާއިރު އިތުރުވިއެވެ. ޑޮލަރަށް އޮތް ޑިމާންޑު ނުވަތަ ޑޮލަރު ބޭނުންވާ މިންވަރު އިތުރުވި އެއް ސަބަބުގެ ގޮތުގައި މަރުކަޒީ ބޭންކުން ފާހަގަކުރީ ސްކޫލު ބަންދާ ދިމާކޮށް ރާއްޖެއިން ބޭރަށް ދަތުރުކުރި މީހުން އިތުރުވުމެވެ.

އާއްމުންގެ އެކި ބޭނުންތަކަށް ޑޮލަރު ބޭނުންވި މިންވަރު ޖުލައި މަހު އިތުރުވުމާ ގުޅިގެން އެ މަހު ދަތުރުފަތުރާއި ބޭސްފަރުވާއާއި އުމްރާ ދަތުރުތަކަށް އެމްއެމްއޭއިން ޑޮލަރު ދޫކުރި މިންވަރު އޭގެ ކުރީ މަހާ އަޅާބަލާއިރު 172 އިންސައްތަ އިތުރުވެފައިވާކަމަށް އެ ބޭންކުން ބުނެފައިވެއެވެ.
ފަތުރުވެރިކަމުގެ އޮފް-ސީޒަން ފެށުމާއެކު، ބޭންކިން ނިޒާމުގެ ތެރެއިން ޑޮލަރު ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމުގެ ގޮތުން މަރުކަޒީ ބޭންކުން ބޭންކުތަކަށް ޑޮލަރު ވިއްކާ މިންވަރު އިތުރުކުރުމަށް އެމްއެމްއޭއިން ނިންމާފައިވެއެވެ. މަރުކަޒީ ބޭންކުން ނިންމާފައިވަނީ ހިނގަމުންދާ ހަފުތާއިން ފެށިގެން ތިން ހަފުތާގެ މުއްދަތަކަށް ބޭންކުތަކަށް އެމްއެމްއޭއިން ދޫކުރާ ޑޮލަރު އިތުރުކުރުމަށެވެ.
އެގޮތުން މީގެ ކުރިން ކޮންމެ ހަފުތާއަކު ބޭންކުތަކަށް އެމްއެމްއޭއިން ވިއްކަމުން އައި ޑޮލަރުގެ އަދަދު 51 އިންސައްތަ އިތުރުކުރުމަށް ނިންމާފައިވެއެވެ. އެއ ނިންމުމުގެ މައިގަނޑު ބޭނުމެއްކަމަށް އެ އިދާރާއިން ބުނީ ޔަފާރިތަކުން މުދާ އިމްޕޯޓްކުރުމަށް ހަދަންޖެހޭ ޓީޓީ އަދި އެލްސީ އަށް ބޭނުންވާ ބޭރު ފައިސާ ހޯދުމުގައި ހުރި ދަތިތަކަށް ލުއިތަކެއް ހޯދައިދިނުމެވެ.








ކިޔުންތެރިންގެ ހިޔާލު