މެލޭޝިއާގައި އުމުރުން 16 އަހަރުން ދަށުގެ ކުދިން މީސް މީޑިއާ ބޭނުން ކުރުން މަނާކޮށްފިއެވެ.
މިއަދުން ފެށިގެން ތަންފީޒު ކުރަން ފެށި އެ ގަވާއިދުގެ ދަށުން، މީސް މީޑިއާ ޕްލެޓްފޯމްތަކުން އުމުރު ކަށަވަރު ކުރާނެ ނިޒާމުތައް ގާއިމުކޮށް، 16 އަހަރުން ދަށުގެ ކުދިން އެކައުންޓް ހެދުން ހުއްޓުވަން ޖެހެއެވެ. އެ ގަވާއިދު ހިނގަނީ މެލޭޝިއާގައި އަށް މިލިއަނަށް ވުރެ ގިނަ މީހުން ބޭނުންކުރާ ފޭސްބުކް، އިންސްޓަގްރާމް، ޓިކްޓޮކް އަދި ޔޫޓިއުބް ފަދަ ބޮޑެތި ޕްލެޓްފޯމްތަކަށެވެ.
އެ ގަވާއިދާ ޚިލާފުވާ ކުންފުނިތައް 10 މިލިއަން ރިންގިޓް (2.5 މިލިއަން ޑޮލަރު) އާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ. ނަމަވެސް، ކުދިން އަމިއްލައަށް އެ ގަވާއިދާ ޚިލާފުވެ އެކައުންޓް ހެދި ނަމަވެސް، އެ ކުދިންގެ ބެލެނިވެރިންނަށް އެއްވެސް އަދަބެއް ނުދޭނެއެވެ.
މެލޭޝިއާ ސަރުކާރުން ބުނި ގޮތުގައި އެ ފިޔަވަޅުތަކުގެ ބޭނުމަކީ ކުޑަކުދިންނަށް ގެއްލުންދޭ ފަދަ ކޮންޓެންޓްތަކާއި، ސައިބާ ބުލީންގް އަދި މާބޮޑަށް މީސް މީޑިއާއަށް ދެވިހިފާ ގޮތަށް ފަރުމާކޮށްފައިވާ ފީޗާސްތަކުން ކުދިން ރައްކާތެރިކުރުމެވެ.
މެލޭޝިއާގެ ކޮމިއުނިކޭޝަންސް އެންޑް މަލްޓިމީޑިއާ ކޮމިޝަނުން ހާމަކުރި ގޮތުގައި، މި ގަވާއިދަކީ ކުދިން އިންޓަނެޓާއި ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކުރުން ހުއްޓުވުމަށް އެކުލަވާލި ގަވާއިދެއް ނޫނެވެ. އޭގެ ބަދަލުގައި އޭގެ މަގުސަދަކީ އޮންލައިންކޮށް ކުރިމަތިވާ ނުރައްކާތައް ހުއްޓުވައި، އުމުރާ ގުޅޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ޚިދުމަތްދޭ ފަރާތްތަކަށް މަޖުބޫރުކުރުމެވެ.
މި ފިޔަވަޅާ މެދު ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. މެޓާގެ ސައުތު އީސްޓް އޭޝިއާގެ ޑިރެކްޓަރ ކްލާރާ ކޯ ވިދާޅުވި ގޮތުގައި، މިފަދަ ހަރުކަށި މަނާކުރުމެއްގެ ސަބަބުން ކުދިން ރައްކާތެރި އެޕްތަކާ ދުރުވެ، އެއްވެސް ކޮންޓްރޯލެއް ނެތް އިންޓަނެޓްގެ ނުރައްކާތެރި ދިމާލަކަށް ދިޔުމުގެ ފުރުސަތު އޮވެއެވެ. އޭގެ އިތުރުން، އުމުރު ކަށަވަރުކުރުމަށް ސަރުކާރުގެ އައިޑީ ބޭނުންކުރަން ޖެހުމަކީ ޕްރައިވެސީއަށް އޮތް ނުރައްކަލެއް ކަމަށްވެސް ބައެއް މާހިރުން ފާހަގަކުރެއެވެ.
މެލޭޝިއާގެ އިތުރުން އޮސްޓްރޭލިއާ، ބްރެޒިލް އަދި އިންޑޮނޭޝިއާ ފަދަ ގައުމުތަކުންވެސް ވަނީ މިފަދަ ފިޔަވަޅުތައް އަޅާފައެވެ. އަދި އިނގިރޭސިވިލާތާއި، ފްރާންސް އަދި ދެކުނު ކޮރެއާ ފަދަ ގައުމުތަކުންވެސް މިފަދަ ގަވާއިދުތައް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.










ކިޔުންތެރިންގެ ހިޔާލު