މި ހިނގާ މެއި މަހުގެ ތެރޭގައި މާލެ ސަރަހައްދުން 6 މީހަކު ހިމަބިއްސަށް (Measles) ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭއިން މަޢުލޫމާތު ދޭ ގޮތުގައި މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހީގެ ޖުމްލަ 9 ކޭސް ފެނިފައިވާއިރު، މިމަހު ފެނުނު ކޭސްތަކާ ގުޅުންހުރި 128 ކޮންޓެކްޓުން ވަނީ ދެނެގަނެވިފައެވެ. ބަލި ފެނުމާ ގުޅިގެން ކޭސް އިންވެސްޓިގޭޝަން ހެދުމާއި، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތުގެ އިތުރުން ކޮންޓެކްޓުންނަށް ވެކްސިން ދިނުމުގެ މަސައްކަތް އެޗްޕީއޭއިން ދަނީ ކުރަމުންނެވެ.
ހިމަބިއްސަކީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔަކަށްވާތީ، ބައްޔަށް ޝައްކުވެގެން ޓެސްޓު ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. އަދި ހުންއައިސް، ގައިގައި ރަތް ބިހިތަކެއް ނަގައި، ކެއްސާ ލޯ ރަތްވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށާއި، ހޮސްޕިޓަލަށް ދާއިރު މާސްކު އެޅުމަށް ވަނީ އެދިވަޑައިގެންފައެވެ.
ރާއްޖެއަކީ 2017 ވަނަ އަހަރު ހިމަބިހި ނައްތާލާފައިވާ ޤައުމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޤައުމެކެވެ. ނަމަވެސް، ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި މި ބަލި އިތުރުވަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ ހަނދާންކޮށްދީފައެވެ.










ކިޔުންތެރިންގެ ހިޔާލު