މިއަހަރުގެ އަޟްހާ އީދު ނަމާދު މާލެ ސަރަހައްދުގެ 25 މިސްކިތެއްގެ އިތުރުން ހަތަރު ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި ކުރުމަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ.
މިއަހަރުގެ އަޟްހާ އީދު ނަމާދު މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި ކުރުމަށް ވަނީ ހަމަޖެހިފައެވެ. އިސްލާމިކް މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނީ މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަހައްދާއި، ވިލިމާލެ ފުޓުބޯޅަ ދަނޑާއި، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކް އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކުޅިވަރު އެކުވެނީގައެވެ.
މީގެ އިތުރުން މާލޭގެ މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޡަމް އާއި މަސްޖިދު މަލިކި ސަލްމާން ހިމެނޭހެން 25 މިސްކިތެއްގައިވެސް އީދު ނަމާދު ކުރާނެއެވެ.
އީދު ނަމާދު ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 7:00 ގައެވެ. މާލެ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި ނަމާދުކުރާއިރު، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އީދު ނަމާދު ބޮޑު ޖަމާއަތުގައި އިމާމުވެ ކުރާނީ ޒުވާން ޚަތީބު އަލްހާފިޒް މުހައްމަދު ހަނޫން ހުސެއިންއެވެ. މިއީ ޒުވާން ޚަތީބުންނަށް ފުރުސަތު ދިނުމުގެ ގޮތުން މިނިސްޓްރީން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ހަމަޖެހިގެންދިޔަ ކަމެކެވެ.
މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރަކަށް ވުމާއެކު، ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރެވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އަމަލުކުރާނެ ގޮތްވެސް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. އެފަދަ ހާލަތެއް ދިމާވެއްޖެނަމަ މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ނަމާދު ކުރާ ހުރިހާ މިސްކިތްތަކެއްގައިވެސް އީދު ނަމާދު ކުރާނެއެވެ.










ކިޔުންތެރިންގެ ހިޔާލު