ދިވެހި ވަޠަނީ ހިދުމަތުގެ ފަންނީ ޕްރޮގުރާމް ފުރިހަމަކޮށް ދަސްވެނިވި 63 ބައިވެރިންނަށް މަރުހަބާ ވިދާޅުވެ، ޕްރޮގްރާމްގެ ދެވަނަ ބެޗުގެ 75 ބައިވެރިންނާއެކު އަންނަ މަހުގެ ފުރަތަމަ ދުވަހު ފަންނީ ޕްރޮގްރާމް ފެށިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.
“އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ދިވެހި ވަޠަނީ ހިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށް 63 ޒުވާނުން މިއަދު ދަސްވެނިވެފައިވާކަން ފާހަގަކުރައްވާފަ އެވެ. މީގެ ތެރޭގައި ހިމެނެނީ، 17 އަހަރުގެ 37 ޒުވާނުންނާއި، 18 އަހަރުގެ 24 ޒުވާނުން އަދި 19 އަހަރުގެ 2 ޒުވާނުންނެވެ.
މި މުނާސަބަތުގައި ހުރިހާ ދަސްވެނިންނަށާއި، ދަސްވެނިންގެ ބެލެނިވެރިންނަށާއި އެންމެހާ މުދައްބިރުންނަށް އަދި އެމް.އެން.ޑީ.އެފް އާއި ޑިފެންްސް މިނިސްޓްރީގެ އެންމެހާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މަރުޙަބާ ވިދާޅުވެފަ އެވެ.
ރައީސް ވިދާޅުވީ ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނަކީ، ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގެ އިނީޝިއަލް ޓްރެއިނިން ފުރިހަމަކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށެވެ. މި ތަމްރީނުގައި ބައިވެރިވި ދަރިވަރުންނަކީ، 2025 ޑިސެމްބަރު 28 ވަނަ ދުވަހު ދަސްވެނިވި ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގެ އިނީޝިއަލް ޓްރެއިނިންގެ ފުރަތަމަ ބެޗުގެ ދަރިވަރުންނަށް ހުޅުވާލި ފުރުޞަތުގައި މި ތަމްރީނަށް ޝައުޤުވެރިކަން ފާޅުކުރި ދަރިވަރުންކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ހަތަރު މަސް ދުވަހުގެ މި ތަމްރީނުތައް ހިންގާފައިވަނީ މި މަހުގެ 15 އިން ފެށިގެން އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސް ގައި ކަމަށެވެ.
އަދި މި ޕްރޮގްރާމްގެ ދެވަނަ ބެޗު އިތުރު 75 ޒުވާނުންނާއެކު އަންނަ ޖޫން މަހުގެ ފުރަތަމަ ދުވަހު ފެށިގެންދާނެކަން އެމަނިކުފާނު ހާމަކުރެއްވި އެވެ. ވަޠަނީ ޚިދުމަތުގެ ދެވަނަ ބެޗުން 344 ބައިވެރިން ދަސްވެނިވި އެވެ.
ދިވެހި ވަޠަނީ ޚިދުމަތް ނުވަތަ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިން އަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގަތުމަށް ފަހު ދެއްވި އިފުތިތާޙީ ތަޤްރީރުގައި ވިދާޅުވި، އިންސާނުން ބިނާކުރުމާއި ޤައުމުގެ ސިނކުޑިތައް ބިނާކުރުމުގެ ސިޔާސަތުގެ އެންމެ މުހިންމު އެއް ތަނބެވެ. އަދި، އެއީ ޒުވާނުން ތަރައްޤީކޮށް، ޒުވާނުން ބާރުވެރިކޮށް، ޤައުމަށް ފައިދާ ހުރި މަސައްކަތްތަކުގައި އިސްނަގައި ހަރަކާތްތެރިވާނެ ބަޔަކަށް ދިވެހި ޒުވާނުން ހެދުމަށާއި، ޒުވާނުންނަށް ބޭނުންވާނޭ މަސައްކަތުގެ އަޚުލާޤާއި ސުލޫކާއި ހުނަރު އަށަގެންނެވުމުގެ ސިޔާސަތެކެވެ.










ކިޔުންތެރިންގެ ހިޔާލު