ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ސަރުކާރުން ނުހަނު ބޮޑު އިސްކަމެއް ދީގެން، ފުރިހަމަ ވަސީލަތްތަކާއެކު ހިންގާ މުހިންމު މަޝްރޫއަކަށްވާތީ، އޭގެ ބަދަލުގައި އެދެވޭ ރަނގަޅު ނަތީޖާއެއް ނެރުމަށް ކޮންމެ ދަރިވަރަކުވެސް އަޒުމު ކަނޑައެޅުމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އެދިވަޑައިގެންފިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް މިކަމަށް އިލްތިމާސްކުރެއްވީ، ދިވެހި ވަޠަނީ ޚިދުމަތުގެ ހަތަރުވަނަ ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންނާ ކަޅުތުއްކަލާކޮށީގައި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުކުރެއްވުމުގައި، ގައުމީ މި މުހިންމު ޚިދުމަތާ އަމިއްލައަށް އިސްނަގައިގެން ކުރިމަތިލީ ކަމަށްޓަކައި އެ މަނިކުފާނު ވަނީ ދަރިވަރުންނަށް މަރުޙަބާ ދަންނަވައި ތަރުހީބު ދެއްވާފައެވެ.

މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން މި ޕްރޮގްރާމް ފެއްޓެވުމުގެ މައިގަނޑު މަގުސަދަކީ ގައުމުދެކެ ލޯބިވާ، އަހުލާގު ރަނގަޅު، ހުނަރުވެރި ޒުވާން ޖީލެއް ބިނާކުރުން ކަމަށެވެ. އަދި ވަޠަނީ ޚިދުމަތުގެ އަސާސީ ތަމްރީނަކީ އެ އަމާޒަށް ވާސިލުވުމަށް އެޅޭ ފުރަތަމަ ފިޔަވަޅުކަން ފާހަގަކުރެއްވިއެވެ.

އިޝްތިހާރު އިޝްތިހާރު

ސަރުކާރާއި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން މިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދީގެން އިންތިޒާމުތައް ހަމަޖައްސާފައިވާއިރު، މި ފުރުސަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށް ޗީފް ބާރުއެޅުއްވިއެވެ.

މި ފުރުސަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފަންވާނެ. ނުވާނެޔޭ ހިތައި ފަސްޖެހި، ދޫކޮށްލައިގެން ނުވާނެ. އަބަދުވެސް ކުރިއަށްދާން ޢަޒުމު ކަނޑައަޅަންވާނެ. ތިޔަ ކުދިންނާއި މައިންބަފައިން ދެކޭ ހުވަފެންތައް ހަގީގަތަކަށް ހަދަން މަސައްކަތްކުރާ ބަޔަކަށް ވާންވާނެ.

ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.

މި ޕްރޮގްރާމް ހިނގާ ހަތަރު މަސްދުވަހުގެ ތެރޭގައި ދަރިވަރުންގެ ކަންކަން ބެލެހެއްޓުމާއި، ތަރުބިއްޔަތުކުރުމާއި ހުނަރު ދަސްކޮށްދިނުމުގެ އެންމެހައި ޒިންމާތައް އުފުލާނީ އެމްއެންޑީއެފުން ކަމަށްވުމާއެކު، ހަރުދަނާ އަދި ގައުމަށް ވަފާތެރި ބަޔަކަށް ވުމަށް ހުރިހާ ކުދިންވެސް އަޒުމު ވަރުގަދަކުރުމަށް އެ މަނިކުފާނު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ ގައުމީ ޕްރޮގްރާމް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުއެވެ. މިހާތަނަށް މި ޕްރޮގްރާމްގެ އަސާސީ ތަމްރީނުގެ ތިން ބެޗަކުން 1،028 ދަރިވަރުން އަދި ފަންނީ ތަމްރީނުގެ ދެ ބެޗަކުން 136 ދަރިވަރުން ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ.