ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ 60 އިންސައްތަ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރަސްމާލެއަކީ އީކޯ ފްރޭންޑްލީ ޑިވެލޮޕްމަންޓް ޒޯނެއްގެ ގޮތުގައި ބޯހިޔާވަހިކަމަށް ފުރިހަމަ ހައްލެއް ގެނައުމުގެ ގޮތުން ކ. ފުށިދިއްގަރުފަޅުގައި ތަރައްގީ ކުރާ ރަށެކެވެ. މިއީ ބޯހިޔާވަހިކަމުގެ މައްސަލައަށް ޖުމްލަަ ހައްލެއް ގެންނާނެ މަޝްރޫއުއެއް ކަމަށް ރައީސް ކުރިން ވިދާޅުވެފައިވެއެވެ.
ޕީއެސްއެމްގެ ”ނޭޝަންޗެޓް“ގައި ރައީސް ވިދާޅުވީ، ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ 60 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.
”ދެން ހަމަ ކުރިއަށް ގޮސް ނިންމާލެވޭނެ، އިރާދަކުރެއްވިއްޔާ. އެތަނުން ގޯތި ބޭނުންވާ އެންމެންނަށް މިހާރު އެއޮތީ ސްކީމް ހުޅުވައިލައިފަ. އެއަށް ވެސް ކުރިމަތިލަމުން އެބަދޭ. މި މަހުގެ ނިޔަލަށް ޑެޑްލައިން މިއޮތީ.“ ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކުރީ ސަރުކާރާ ހިލާފަށް، މި ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ގޯތި ދޫކުރާއިރު، ބިން ހިއްކުމަށްފަހުގައި ގޯތި ދިނުން ކަމަށެވެ. އަދި ކުރީ ސަރުކާރުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) މެދުވެރިކޮށް އެޅި 4000 ފްލެޓުގެ 70 އިންސައްތަ މަސައްކަތް ވެސް، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ހުރީ ނުނިންމާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”ދެން އެ މަސައްކަތް ނިންމާ ހުރިހާ ފްލެޓުތަކަށް މީހުން ވައްދާފަވީ.“ ރައީސް ވިދާޅުވިއެވެ.
ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އަލިއަޅުވައިލައްވަމުން ރައީސް ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސްކީމެއްގެ ދަށުން ހުޅުމާލޭގައި 3000އަށްވުރެ ގިނަ ފްލެޓު އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މާލެ ސަރަހައްދުގައި މިހާރު ވެސް 4000އެއްހައި ފްލެޓު އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި އެފޯޑަބަލް ހައުސިން ސްކީމެެއް ހުޅުވައިލައިގެން މަޝްރޫއު ފެށުމަށް މަސައްކަތް ކުރަމުންދާއިރު، ވަރަށް ގިނަ ޕްރައިވޭޓް ސެކްޓަރ ކުންފުނިތަކުން ކުރިމަތިލައިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މި މަސައްކަތުގެ ދަށުން 2000އެއްގައި ހައުސިން ޔުނިޓުގެ މަސައްކަތް ހަވާލު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން އިންޑިއާގެ އެލްއޯސީގެ ތެރެއިންވެސް 4000 ހައުސިން ޔުނިޓުގެ މަސައްކަތް ކުރެވެމުންދާއިރު، އެކަމާ ގުޅޭ އިދާރީ މަސައްކަތްތައް ހިނގަމުންދާ ކަމަށް ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.








ކިޔުންތެރިންގެ ހިޔާލު