ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ހުޅުމާލެ ދޭކާއި ތިނަކުން ހިލޭ ގޯތިތައް ދިނުމުގެ ސަބަބުން އެޗްޑީސީއަށް 14.85 ބިލިއަން ރުފިޔާއާއި 15.93 ބިލިއަން ރުފިޔާއާ ދެމެދުގެ ގެއްލުމެއް ވެފައިވާކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.
ހުޅުމާލެއިން ހިލޭ ގޯތިތައް ދިނުމުން ލިބުނު މާލީ ގެއްލުން ވަޒަންކުރަން ހެދި އޮޑިޓް ރިޕޯޓުގައި ބިންވެރިޔާ ސްކީމްގެ ދަށުން، އެ ކުންފުނީގެ މިލްކިއްޔާތުގައިވާ 2،841،400 އަކަފޫޓުގެ ބިން ވަކިކުރިކަމަށާއި، އޭގެ ގެއްލުން ވަޒަން ކުރަން ޖެހޭނީ މާކެޓް ރޭޓްގައި އެ ބިންތައް ވިއްކާނެ އަގަށް ބަލައިގެންކަމަށެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވާގޮތުގައި ބިންތައް މާކެޓް ރޭޓް އުސޫލުން ކުންފުންޏަށް އާމްދަނީ ހޯދުމުގެ ގޮތުން ވާދަވެރި ބީލަމެއްގައި ވިއްކައިފި ނަމަ، 14،847،279،200 ރުފިޔާ އާއި 15،932،847،200 ރުފިޔާއާ ދެމެދުގެ އަގެއް ލިބޭނެ ކަމަށް އަންދާޒާކުރެވޭކަމަށެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ދޭކުން 473 މީހަކަށް ދޫކުރި 188 ގޯއްޗަކީ “ބީޗްސައިޑް ގޯތި” ތަކާ އެއްގޮތް، އެ ފަދަ ގޯތިތަކުގެ އަގުގައި ވިއްކޭނެ ތަންތަނެވެ. އެ ގޯތިތަކުގެ ޖުމްލަ ޖާގަ އަކީ 347،600 އަކަފޫޓް ކަމަށް ވާއިރު، މާކެޓް ރޭޓްގައި ވިއްކާ ނަމަ އެ ގޯތި ތަކަށް 2.5 ބިލިއަން ރުފިޔާ ލިބޭނެކަމަށްވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

ހުޅުމާލެ 2އިން އެހެނިހެން 1،166 މީހަކަށް 521 ގޯތި ދޫކޮށްފައިވާއިރު، އެއީ909،250 އަކަފޫޓެވެ. އޮޑިޓު ރިޕޯޓްގައި އަންދާޒާ ކޮށްފައިވާ ގޮތުގައި މާކެޓް ރޭޓްގައި އެ ގޯތިތައް ވިއްކި ނަމަ އެޗްޑީސީ އަށް 4.9 ބިލިއަން ރުފިޔާ ލިބުނީހެވެ. އަދި ހުޅުމާލެ ތިނަކުން ޖުމްލަ 2،481 މީހަކަށް 699 ގޯތި ދޫކޮށްފައި ވާއިރު އެ ގޯތިތަކުގެ ޖުމުލަ ޖާގައަކީ 1،584،550 އަކަފޫޓެވެ. މާކެޓް ރޭޓުން އެ ގޯތިތައް ވިއްކި ނަމަ އެޗްޑިސީ އަށް 8.4 ބިލިއަން ރުފިޔާ ލިބޭނެކަމަށްވެސް ރިޕޯޓުގައިވެއެވެ.
އޮޑިޓް އޮފީހުން ބުނީ އެ ބިންތަކުގެ އަގު އަންދާޒާކުރީ 2022 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރާ ދެމެދު އެޗްޑިސީން، ބިޑް އުސޫލުން ވިއްކި ބިންތަކުގެ ތެރެއިން ބިންވެރިޔާ ސްކީމްގައި ދޫކުރި ގޯތިތަކާ އެއްވަރުގެ ތަންތަނަށް ލިބުނު އަގަށް ބަލައިގެންނެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން މި ބިންތައް ދޫކުރުމަށް ނިންމާފައި ވަނީ ދައުލަތުގެ މާލިއްޔަތަށް މީގެ ސަބަބުން ކުރާނެ އަސަރުތައް ފުޅާ ދާއިރާއެއްގައި ދިރާސާ ކުރުމަކާ ނުލައިކަމަށްވެސް އޮޑިޓް ރިޕޯޓުގައިވެއެވެ.





ކިޔުންތެރިންގެ ހިޔާލު