ރަސްމާލޭގައި އީގަލް ހިލްސްއިން ހިންގުމަށް ހަމަޖެހިފައިވާ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ކުއްޔަށް ދިނުމުގެ އެއްވެސް މުއާމަލާތެއްގައި، ކުލީގެ މުއްދަތު އޮޓޮމެޓިކުން އައުވާނެ ގޮތަކަށް އެއްބަސްވެފައި ނުވާނެ ކަމަށާއި ބޭރުގެ އެއްވެސް ފަރާތަކަށް ބިން މިލްކުކުރަން ނުދެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ، ރަސްމާލެ މަޝްރޫއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓަށް ފޮނުއްވި ސިޓީއަކާ ގުޅިގެން އެ މިނިސްޓްރީން ދިން ރަސްމީ ޖަވާބުގައެވެ.

މިނިސްޓްރީން ދިން ޖަވާބުގައި ވަނީ، ރަސްމާލޭގެ 500 ހެކްޓަރުގެ ބިމުގައި ރިއަލް އެސްޓޭޓް މަޝްރޫއެއް ހިންގުމަށް އެކުވެރި އަރަބި އިމާރާތުގެ އީގަލް ހިލްސް އިންޓަނޭޝަނަލް ޕްރޮޕަޓީސްއާއެކު މިހާރު ވެވިފައިވަނީ ކޮންޓްރެކްޓް ނެގޯޝިއޭޓުކޮށް ފައިނަލް ކުރުމަށް ބޭނުންވާ ފްރޭމްވޯކް ހިމެނޭ "ކޮމާޝަލް ޓާމްސް" އެއްބަސްވުމެއް ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

އަދި ބިން ކުއްޔަށް ދިނުމުގެ އެންމެހައި ކަންކަން ކުރިއަށްދާނީ ރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމުގެ ޔަގީންކަން މިނިސްޓްރީން ވަނީ ދީފައެވެ.

އެއްވެސް ތަނެއް އޮޓޮމެޓިކުން ކުލީގެ މުއްދަތު އާވާނެގޮތަކަށް އެއްބަސްވެފައި ނުވާނެ ކަމަށް ސަރުކާރުގެ ޖަވާބުގައި ވެއެވެ. މީގެއިތުރުން، މި މަޝްރޫއުން އެއްވެސް ތަނެއް ބޭރުގެ އެއްވެސް ފަރާތަކަށް މިލްކު ކުރުމަށް އެއްބަސްވެފައި ނުވާނެ ކަމަށާއި އެއްވެސް ތަނެއް ކުއްޔަށް ދޭނީ ރާއްޖޭގެ ގާނޫނާ އެއްގޮތަށް ކަމަށް ސަރުކާރުން ބުނެއެވެ.

އެކި ބޭނުންތަކަށް ދައުލަތުގެ ބިމާއި ފަޅު ކުއްޔަށް ދިނުމަކީ ރާއްޖޭގައި ޒަމާނުއްސުރެ ގާނޫނާއި ގަވާއިދުގެ ތެރެއިން ހިނގަމުން އަންނަ އާންމު އުސޫލެއްކަން ސަރުކާރުން ފާހަގަކުރެއެވެ. އަދި މައިގަނޑު އެއްބަސްވުމުގައި ސޮއިކުރާނީ ވެސް ދިވެހިރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ސަރުކާރުން ބުނެއެވެ.

މި މަޝްރޫއު ހިންގަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ހުށަހަޅާ މަޝްރޫއުތަކާ ގުޅޭ އުސޫލުގެ ދަށުންނެވެ. މި މަސައްކަތް ކުރިއަށްދަނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ދެފުށް ފެންނަ ގޮތެއްގައި ކަމަށް މިނިސްޓްރީން ބުނެއެވެ.

މި އެއްބަސްވުމުގެ ދަށުން މާލީ ގޮތުން ދައުލަތަށް ބޮޑެތި މަންފާތަކެއް ލިބޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ބިމުގެ ޕްރީމިއަމްގެ ގޮތުގައި ޑިވެލޮޕަރުގެ ޖުމްލަ އާމްދަނީން ދައުލަތަށް %10 (ގާތްގަނޑަކަށް 3.1 ބިލިއަން އެމެރިކާ ޑޮލަރު) ލިބޭނެ ކަމަށް އަންދާޒާކުރެވެއެވެ.

އޭގެ ތެރެއިން 500 މިލިއަން އެމެރިކާ ޑޮލަރު ސަރުކާރުގެ ހައުސިން މަޝްރޫއުތަކަށް އެޑްވާންސްކޮށް ޚަރަދުކުރުމަށް ވަނީ އެއްބަސްވެވިފައެވެ. އަދި ރަސްމާލެއިން ވިއްކާ ޔުނިޓުތަކުގެ މާކެޓު އަގުގެ %4 ކޮންމެ މުއާމަލާތަކުން ސަރުކާރަށް ލިބިގެންދާނެއެވެ.

ފަތުރުވެރިކަމުގެ ސިނާއަތާ ޚިލާފަށް މި މަޝްރޫއަށް އެއްވެސް އިމްޕޯޓް ޑިއުޓީއެއް މައާފު ނުކުރާނެ ކަމަށް ސަރުކާރުން ބުނެއެވެ. ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގާނީ ރާއްޖޭގައި ގާއިމުވެފައިވާ ބޭންކުތައް މެދުވެރިކޮށް ކަމަށްވާތީ ބޭރު ފައިސާ ރާއްޖޭގެ އިގްތިސާދުގައި ހިފެހެއްޓިގެންދާނެ ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.