ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ރަސްމީކޮށް އިއުލާނު ކުރައްވައިފިއެވެ. އަދި އެމަނިކުފާނުގެ ރަނިންމޭޓަކަށް ހަމަޖައްސަވާފައިވަނީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އެވެ.
ފައިސަލް މިކަން ހާމަކުރެއްވީ މިއަދު ހެނދުނު ރާއްޖެ ޓީވީގެ “ފަށާއިރު” ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓު ހޯއްދެވުމަށް ކުރިއަށް އޮތް ޕްރައިމަރީގައި ބައިވެރިވެވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށެވެ.
މި ނިންމެވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ފައިސަލްގެ ރަނިންމޭޓެއްގެ ގޮތުގައި ހުންނެވި މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ފައިސަލްގެ ދައުވަތު ގަބޫލުކުރައްވައި އެމަނިކުފާނާއެކު ނުކުންނަވަން ނިންމެވީ އެމްޑީޕީގެ ވެރިކަމެއްގައި އެ ޕާޓީގެ ރައީސަކާއި ނައިބު ރައީސަކު ހުރުމަކީ މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށެވެ. އަދި ފައިސަލްގެ ނައިބު ރައީސްއެއްގެ ގޮތުގައި ކުރިއަށްދާން ފުރިހަމައަށް ތައްޔާރުވެވަޑައިގެން ހުންނެވި ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

މީގެއިތުރުން، އެ ދެ ބޭފުޅުންވެސް ފާހަގަކުރެއްވި ގޮތުގައި މި ނިންމެވުމަކީ ޕާޓީގެ ގިނަ މެންބަރުންނާއި އާންމު ރައްޔިތުންނާ މަޝްވަރާކުރެއްވުމަށްފަހު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުގެ ވަރަށް ބޮޑު ތާއީދަކާއި އެއްބާރުލުމަކާއެކު ނިންމެވި ނިންމެވުމެކެވެ. ރައީސް ޞާލިޙުގެ އެއްބާރުލުން ލިބިގެން ކުރިއަށް ދިއުމަކީ މި މަސައްކަތުގައި އެންމެ އިސްކަމެއް ދެއްވި އަދި އެންމެ މުހިންމު ކަންތައް ކަމުގައި ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ނަސީމް ރިޔާސީ ޕްރައިމަރީއަށް ނުކުންނަވާނެކަން ހާމަކުރެއްވިއިރު، އެމަނިކުފާނަކީ މި ރޭހުގައި ވާދަކުރައްވާނެކަން އިއުލާނު ކުރެއްވި ހަތަރުވަނަ ކެންޑިޑޭޓެވެ. މީގެކުރިން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް، ޕާޓީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު ޝަމްހީދު ވެސް ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައެވެ.










ކިޔުންތެރިންގެ ހިޔާލު