ޕެރޫގެ އެންޑީޒް ފަރުބަދަމަތީ ސަރަޙައްދުން އަލަށް ހޯދި، ނެތިދިއުމުގެ ބިރުހީވެފައިވާ ނާދިރު ގަހަކަށް އާޖެންޓީނާގެ ލެޖެންޑަރީ ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީގެ ނަމުން ނަންދީފިއެވެ.
ފަހުގެ ދިރާސާ ރިޕޯޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި ގަހަށް ސައިންޓިފިކް ނަމެއްގެ ގޮތުގައި ދީފައިވަނީ 'ސަލްވިއާ މެސީ' (Salvia messii) އެވެ. ލެޓިން ބަހުގެ ހަމަތަކަށް ބަލައި ނަންދީފައިވާ މި ނަމުގެ ސީދާ މާނައަކީ "މެސީގެ ގަސް" އެވެ. ސައިންސްވެރިން މި ގަހަށް މެސީގެ ނަން ދޭން ނިންމި މައިގަނޑު އެއް ސަބަބަކީ، މި ގަހުގައި އަޅާ މަޑު ނޫކުލަ އާއި ހުދުކުލައިގެ މާތައް، އާޖެންޓީނާގެ ޤައުމީ ފުޓްބޯޅަ ޖާޒީގެ ކުލަތަކާ ނުހަނު އެއްގޮތްވުމެވެ.
'ސަލްވިއާ މެސީ' އަކީ ކާފޫރުތޮޅި ނުވަތަ މިންޓް އާއިލާއަށް ނިސްބަތްވާ، ގާތްގަނޑަކަށް 1.5 މީޓަރަށް އުސްވާ ގަހެކެވެ. މި އާއިލާގެ ގަސްގަހާގެއްސަކީ އެންޓިއޮކްސިޑެންޓް އަދި ޖަރާސީމު ނައްތާލުމުގެ ބާރު ގަދަ، ޞިއްޙީ ފައިދާތައް އެކުލެވޭ ބާވަތްތަކެކެވެ. މީގެއިތުރުން، ފަރުބަދަމަތީގެ ހަރުކަށި މާޙައުލުތަކާއި ހުސްބިންތަކުގައި މި ގަސް ހެދުމަކީ ޢާންމު ނޫން، އާދަޔާޚިލާފު ކަމެއްގެ ގޮތުގައި ދިރާސާވެރިން ފާހަގަކުރެއެވެ.
ދިރުންތަކަށް ފުޓްބޯޅަ ކުޅުންތެރިންގެ ނަމުން ނަންދިނުމަކީ ބައިނަލްއަޤްވާމީ ސައިންސްވެރިންގެ މެދުގައި މުޅިން އައު ކަމެއް ނޫނެވެ. އެގޮތުން ސްޕެއިންގެ އޯވިއެޑޯ ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ހާމުސް އޯޓެއާ ވަނީ، އަލަށް ހޯދި މަހެއްގެ ބާވަތަކަށް ކޭޕް ވާޑޭގެ ގޯލްކީޕަރު ވޮޒީނީގެ ނަން ދެއްވާފައެވެ. އަދި އޭނާ ވަނީ މީގެކުރިން ކަނޑުން ފެނުނު ކުޑަ ބޮއްޔެއްގެ ބާވަތަކަށް، ރެއާލް މެޑްރިޑް އަދި ކޮސްޓަރީކާގެ ކުރީގެ މަޝްހޫރު ކީޕަރު ކޭލޯ ނާވާސްގެ ނަމުން ވެސް ނަން ދީފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.