އިންޑިއާ ކަނޑުގެ ސަލާމަތާއި ހަމަޖެހުމާ ގުޅޭގޮތުން މަޝްވަރާކުރާ މަހާސިންތާއެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މާދަމާއާއި އޭގެ އަނެއް ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 10 ވަނަ އިންޑިއަން އޯޝަން ޑައިލޮގް ގައި، ސަރަޙައްދީ ސަލާމަތީ މައްސަލަތަކާއި އިންޑިއާ ކަނޑުގެ ޖަޒީރާ ޤައުމުތަކަށް އެކަމުގެ ސަބަބުން ކުރާނެ އަސަރުތަކާ ގުޅޭގޮތުން މަޝްވަރާކުރާނެއެވެ.

ފުރާވަޑައިގަތުމުގެ ކުރިން ދެއްވި ވީޑިއޯ އިންޓަވިއުއެއްގައި، އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަޤާމަށް ވާދަކުރައްވަމުން ގެންދަވާ ނަޝީދު ވިދާޅުވީ، އަވަށްޓެރި ސްރީލަންކާއާއި އިންޑިއާއަށް ޒިޔާރަތްކުރުމަކާ ނުލައި ދިވެހިރާއްޖޭގެ އެއްވެސް ސިޔާސީ ކެމްޕޭނެއް ފުރިހަމަ ނުވާނެ ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

"ކޮންމެ ގޮތެއް ވިޔަސް، އިންޑިއާ ކަނޑާ ގުޅޭގޮތުން މިހާރު ކުރިއަށްދާ މި މަޝްވަރާތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެން،" ނަޝީދު ވިދާޅުވިއެވެ.

އަދި މި މަހާސިންތާގެ ތެރޭގައި ދިވެހި ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތާ ގުޅޭ ކަންކަމުގައި ވާހަކަފުޅު ދައްކަވާނެ ކަމަށްވެސް ނަޝީދު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުއެވެ.