ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އެއްވެސް ހަގީގަތެއް ނެތް ދޮގު ތުހުމަތުކޮށް އަދަދު ނޫހުން ޑޮކިޔުމެންޓްރީއެއް ނެރުނު މައްސަލައާ ގުޅިގެން ރައީސް އޮފީހުގެ ކުރީގެ މުވައްޒަފެއް ކަމަށްވާ އައިޝަތު އީޝާ އަޝްރަފް މިރޭ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފިއެވެ.
މިދިޔަ އޭޕްރީލް މަހު ފަހުކޮޅު އާންމު ކުރި އެ ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން ވަނީ ޖިނާއީ ތަހުގީގެއް ފަށާފައެވެ. އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އަދަދު ނޫހުގެ އޮފީސް ވެސް ވަނީ ބަލައިފާސްކޮށްފައެވެ. ތަހުގީގަށް ބޭނުންވާ އިލެކްޓޯނިކް ސާމާނުތައް އެ އޮފީހުން ފުލުހުން ގެންދިޔައެވެ.
އެ މައްސަލައަ ގުޅިގެން އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފައެވެ. އަދި އީޝާގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފައެވެ.

އީޝާއަށް ފުލުހުން ފޮނުވި ޗިޓްގައިވާގޮތުން އޭނާ ހާޒިރުކުރަނީ “2026 މާޗު 28 ވަނަ ދުވަހު އަދަދު އޮންލައިންގެ އެކްސް އެކައުންޓްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ގަޒްފުކޮށް، ‘އައިޝާ’ ނަމުގައި ވީޑިއޯ ރިޕޯޓެއް ޝާއިއުކޮށްފައިވާ މައްސަލައިގައި ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރެވޭތީ” އެވެ.




ކިޔުންތެރިންގެ ހިޔާލު