ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވަމުންދާ ދައުލަތުގެ ދަތުރުފުޅުގެ ތެރެއިން، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ތަފާތު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ހަތް ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި ފަހުމުނާމާތައް ބަދަލުކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ދިސާނަޔަކަ ބޭއްވެވި ރަސްމީ ބައްދަލުވުމަށްފަހުގައެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް އަވަށްޓެރި ގުޅުން އިތުރަށް ހަރުދަނާވެ، ކުރިމަގަށް އަމާޒުކުރެވިފައިވާ އައު ބައިވެރިވުމެއްގެ ފެށުމެކެވެ. ދެ ގައުމުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކަކީ ވަރަށް ބިނާކުރަނިވި މަޝްވަރާތަކެއް ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.

އިޝްތިހާރު އިޝްތިހާރު

 މަޝްވަރާކުރެވުނު ދާއިރާތައް:

ވިޔަފާރިއާއި އިންވެސްޓްމަންޓް.

ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާ.

ދިފާއީ އަދި ސަލާމަތީ ދާއިރާ.

މަސްވެރިކަމާއި ތިމާވެށި.

ޒުވާނުންނާއި ކުޅިވަރު ތަރައްގީކުރުން.

އިގްތިސާދީ ގޮތުން ގުޅުން ބަދަހިކުރުމަކީ މި މަޝްވަރާތަކުގެ އެންމެ މުހިންމު އެއް ތަނބު ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ފާހަގަކުރެއްވި ކަންކަމަކީ:

ސްރީލަންކާގައި ބޭންކް އޮފް މޯލްޑިވްސްގެ ގޮތްޕެއް ހުޅުވުމުގެ ފުރުސަތުތައް ބެލުން.

ރާއްޖޭގެ މަތީ ފަންތީގެ މަހުގެ އުފެއްދުންތައް ލަންކާގެ ބާޒާރަށް ތައާރަފްކުރުން.

ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ނުބައްދަލުކަން ހައްލުކުރުން.

ސޮއިކުރެވުނު ހަތް ފަހުމުނާމާ

1. ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން އާކުރުން.

2. އަރުޝީފްކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން.

3. މުދައްރިސުންނާއި ސްކޫލް އިސްވެރިން ތަމްރީނުކުރުމާއި ހުނަރު ތަރައްގީކުރުން.

4. ކުޅިވަރާއި ޒުވާނުން ތަރައްގީކުރުމުގެ ދާއިރާއިން ގުޅުން އައުކުރުން.

5. ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުން.

6. ދިފާއީ ތައުލީމާއި، ތަމްރީނު އަދި ދިރާސާކުރުމުގެ ދާއިރާއިން ގުޅުން އައުކުރުން.

7. ކޮލަމްބޯ ޔުނިވަރސިޓީއާއި ރާއްޖޭގެ ތައުލީމީ މުއައްސަސާތަކާ ދެމެދު އިލްމީ ގުޅުން ގާއިމުކުރުން.

ރައީސް މުޢިއްޒު ވިދާޅުވީ، މިހާރު އެންމެ ބޮޑު އިސްކަމެއް ދެއްވާނީ މި އެއްބަސްވުންތަކުގެ އަމަލީ މަސައްކަތްތައް ފަށައި، އޭގެ ފައިދާ ދެ ގައުމުގެ ރައްޔިތުންނަށް ލިބިގެންދާނެކަން ކަށަވަރުކުރުމަށް ކަމަށެވެ. މިއީ ރާއްޖެއާއި ސްރީލަންކާގެ ގުޅުމުގެ "އައު އަދި ހަލުވި ބާބެއްގެ" ފެށުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.