އިންޑިއާ ކަނޑުގެ ޓޫނާ ކޮމިޝަން (އައިއޯޓީސީ) ގެ 30 ވަނަ ބައްދަލުވުން މި މަހުގެ ފަހުކޮޅު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން ހާމަކޮށްފިއެވެ.

މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެކެވެ.

މި ބައްދަލުވުން އޮންނާނީ އަންނަ ހޯމަ ދުވަހުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ބައްދަލުވުމުގައި އިންޑިއާ ކަނޑުގެ ގައުމުތަކުގެ މަންދޫބުންނާއި، މަސްވެރިކަމުގެ މާހިރުންނާއި، ދުނިޔޭގެ އެކި ގައުމުތަކުގެ އިސް އޮފިޝަލުން ހިމެނޭހެން 200 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާނެއެވެ.

އިޝްތިހާރު އިޝްތިހާރު

މައި ކޮމިޝަން ބައްދަލުވުމުގެ އިތުރުން އިތުރު ކޮމިޓީތަކުގެ ބައްދަލުވުންތައް ވެސް ރާއްޖޭގައި ކުރިއަށްދާނެއެވެ.

އޭގެތެރޭގައި ހިމެނެނީ:

ކޮމްޕްލަޔަންސް ކޮމިޓީގެ 23 ވަނަ ބައްދަލުވުން.

އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ކޮމިޓީގެ 23 ވަނަ ބައްދަލުވުން.

ޓެކްނިކަލް ކޮމިޓީ އޮން މެނޭޖްމަންޓް ޕްރޮސީޖާސްގެ 10 ވަނަ ބައްދަލުވުން.

މިއީ އައިއޯޓީސީގެ ބައްދަލުވުމެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. މި ބައްދަލުވުން ރާއްޖޭގައި ބޭއްވުމަކީ ބައިނަލްއަގުވާމީ މަސްވެރިކަމުގެ މައިދާނުގައި ރާއްޖޭގެ ދައުރު ފުޅާކުރުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ މި އިވެންޓް ބޭއްވުމަށް ހިނގާ އެންމެހާ ޚަރަދުތައް ދައުލަތުން އުފުލުމަށް ނިންމާފައެވެ.

މިއީ އިންޑިއާ ކަނޑުގައިވާ ކަނޑުމަހުގެ ބާވަތްތައް ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް މަސައްކަތްކުރާ ސަރަހައްދީ ޖަމިއްޔާއެކެވެ. މި ބައްދަލުވުމުގައި ނިންމާ ނިންމުންތަކުގެ ސަބަބުން ކަނޑުމަހުގެ އާބާދީ ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށާއި، މަސްވެރިކަމުގެ ސިނާއަތުން މުސްތަގުބަލުގެ ޖީލުތަކަށް ލިބޭ ފައިދާ އިތުރުވެގެންދާނެއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނާ ގޮތުގައި، މި ބައްދަލުވުމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްގީވެ، ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖެއަށް އޮތް އިތުބާރު ބޮޑުވެގެންދާނެއެވެ.