ރާއްޖޭގެ 11 ރަށެއްގައި ދުވާލަކު 30 ޓަނުގެ އައިސް އުފެއްދޭ ފެންވަރުގެ އައިސްޕްލާންޓުތަކެއް ގާއިމުކުރުމުގެ މަސައްކަތް މެލޭޝިއާގެ އަލްޓަސް އޮއިލް އެންޑް ގޭސް މެލޭޝިއާ އެސްޑީއެން ބީއެޗްޑީ ކުންފުންޏާ މިއަދު ހަވާލުކޮށްފިއެވެ.
މާގިރި ހޮޓެލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބެވެ. މިއީ މަސްވެރިންނަށް ބޭނުންވާ އައިސް ފަސޭހަކަމާއެކު ލިބޭނެ ނިޒާމެއް ގާއިމުކުރުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން އައިސްޕްލާންޓު ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ށ. ކޮމަންޑޫ، އއ. ރަސްދޫ، ކ. ގާފަރު، މ. މުލައް، ދ. ހުޅުދެލި، ގއ. ވިލިނގިލި، ގއ. ނިލަންދޫ، ގއ. މާމެންދޫ އަދި ގދ. ރަތަފަންދޫގައެވެ. މި ރަށްރަށުގައި މަސައްކަތް ކުރިއަށްދާނީ ފަރުމާކުރުމާއި، ބިނާކުރުން އަދި ތަކެތި ފޯރުކޮށްދިނުމުގެ އުސޫލުންނެވެ.
މި މަޝްރޫއުގެ ދަށުން 30 ޓަނުގެ އައިސް ޕްލާންޓެއް ފަރުމާކުރުމާއި، ޓެކްނިކަލް މަސައްކަތްތައް ވިލަރެސްކުރުމާއި، ރަށްރަށުގައި ހިންގުމަށް އެކަށީގެންވާ ޓިއުބް އައިސް ޕްލާންޓް އިކުއިޕްމަންޓް ފޯރުކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން، ރާއްޖޭގެ ކަނޑުގެ މާހައުލާ ގުޅޭގޮތަށް ލޮނުފެން ބޭނުންކޮށްގެން ފިނިކުރާ ނިޒާމެއް ހިމެނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
އައިސްޕްލާންޓް ބިނާކުރުމާއި، ހަރުކުރުމާއި، ޓެސްޓްކުރުން އަދި އޮޕަރޭޝަނަށް ގެނައުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ނިންމުމުގެ އިތުރުން، ވޮރަންޓީ އާއި އާފްޓާ ސޭލްސްގެ ހިދުމަތްތައް ވެސް އެ ކުންފުނިން ފޯރުކޮށްދޭނެއެވެ.
މިނިސްޓްރީން ފާހަގަކުރާ ގޮތުގައި، މިއީ ރާއްޖޭގެ މަސްވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމަށްވާ ހެޔޮ އަގުގައި ފަސޭހައިން އައިސް ނުލިބުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަޝްރޫއު ނިމުމުން، މަސްވެރިން އައިސް ހޯދުމަށް ކުރަންޖެހޭ ދަތުރުތަކާއި ހޭދަވާ ވަގުތު ކުޑަވެގެންދާނެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.