ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް ޕީސީބީގެ ކުރީގެ ރައީސް މުހައްމަދު އަނަސް މިރޭ އައްޔަންކޮށްފިއެވެ.

މިފްކޯގެ އެމްޑީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ފަރުހަތު ޝަހީރު މި މަހުގެ 12 ވަނަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.

އަނަސްއަކީ މި ސަރުކާރުން މިފްކޯއަށް އައްޔަނުކުރި ހަތަރު ވަނަ އެމްޑީއެވެ.

އިޝްތިހާރު އިޝްތިހާރު

އަނަސް ވަނީ މި ސަރުކާރުގައި ފިނޭންސް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރުކަން ވެސް ކުރައްވާފައެވެ.

ފިނޭންސް މިނިސްޓްރީގައި އުޅުއްވިއިރު، ދައުލަތުގެ ދަރަނި މެނޭޖުކުރުމުގެ ސްޓްރެޓެޖީތައް ފަރުމާކުރުމާއި، ދަރަންޏާ ގުޅޭ ބުލެޓިންތައް ތައްޔާރުކުރުމާއި، އަދި ރާއްޖެއިން ސޮވެރިން ބޮންޑު ދޫކުރުމުގެ މަސައްކަތްތަކުގައި އޭނާ އިސް ދައުރެއް އަދާކުރެއްވިއެވެ.

އޭނާ އަކީ އެކައުންޓިން އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މަތީ ތައުލީމް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.