ހަނގުރާމައިގެ ތެރޭގައި، އަވަށްޓެރި ގައުމުތަކުގައި ގާއިމްކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާތައް ދިނުމުގައި އީރާނު އެއަރފޯސްގެ ފައިޓަރ ޖެޓުތައް މުހިންމު ދައުރެއް އަދާކުރިކަން އީރާނުންވެސް ކަށަވަރު ކޮށްދީފިއެވެ.

އެންމެންވެސް ހީކުރީ ހަނގުރާމައިގެ ތެރޭގައި އީރާނުން ރައްދު ހަމަލާތައް ދެމުން ގެންދިޔައީ އަމިއްލަ ފަސްގަނޑުގައި ތިބެގެން ބެލިސްޓިކް މިސައިލާއި، ޑްރޯން ބޭނުންކޮށްގެން ކަމަށެވެ. އީރާނުގައި އެހާ ކާމިޔާބު ވައިގެ ފައުޖެއް އޮންނަ ކަމާމެދުވެސް ބައެއް ފަރާތްތަކުން ޝައްކުތައް އުފައްދަމުން ގޮސްފައި ވެއެވެ.

އެހެން ނަމަވެސް، ސަރަހައްދުގައި ގާއިމްކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށާއި، އެއަރބޭސްތަކަށް އީރާނުގެ ފައިޓަރ ޖެޓުތަކުން ކާމިޔާބު ހަމަލާތަކެއް ދިންކަމުގެ ރިޕޯޓްތައް ފަހުން ފެތުރިގެން ގޮސްފައި ވެއެވެ. އެމެރިކާގެ ބޭސްތަކަށް ބޮންއެޅުމަށްފަހު ދުޝްމަނުންގެ އަތުނުޖެހި ސަލާމަތުން ގޮސްފައިވާކަމުގެ ރިޕޯޓްތައްވެސް ފެތުރެމުން ގޮސްފައި ވެއެވެ.

އިޝްތިހާރު އިޝްތިހާރު

އެންމެފަހުން އީރާނުގެ އަސްކަރިއްޔާއިން މިވަނީ، ދުޝްމަނުންގެ ތަންތަނަށް ރައްދު ހަމަލާތައް ދިނުމުގައި އީރާނު އެއަރފޯސްއިން އަދާކުރި މުހިންމު ދައުރާބެހޭ މައުލޫމާތު މީޑިއާއާ ހިއްސާ ކޮށްފައެވެ.

އީރާނުގެ ގައުމީ ޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި އީރާނު އަސްކަރިއްޔާގެ ތަރުޖަމާނު ބްރިގޭޑިއަރ ޖެނެރަލް މުހައްމަދު އަކްރަމީނިއާ ވަނީ، ހަނގުރާމައިގެ ތެރޭގައި އީރާނުގެ ވައިގެ ސިފައިން އަދާކުރި ކާމިޔާބު އަދި މުހިންމު ދައުރަށް ތައުރީފް ކުރައްވާފައެވެ.

ބްރިގޭޑިއަރ ޖެނެރަލް މުހައްމަދު އަކްރަމީނިއާ ވަނީ، ހަނގުރާމައިގެ ކުރީކޮޅު ދުޝްމަނުންގެ އެތައް ބޭހަކަށް އީރާނު ވައިގެ ސިފައިން އެތައް ހަމަލާތަކެއް ދިންކަމަށް ވިދާޅުވެފައެވެ. އޭގެ ތެރެއިންވެސް އީރާގުގެ އިރްބީލަށާއި، ކުވައިތު އަދި ގަތަރަށް ދިން ކާމިޔާބު ވައިގެ ހަމަލާތައް އޭނާ ޚާއްސަ ގޮތެއްގައި ފާހަގަ ކުރެއްވިއެވެ.

ގަތަރަކީ، އެމެރިކާއިން މެދުއިރުމަތީގައި ގާއިމްކޮށްފައިވާ އެންމެބޮޑު އަސްކަރީ ބޭސް އޮންނަ ގައުމެވެ. އެއީ، އަލް އުދައިދް އެއަރބޭސްއެވެ. އީރާނުން ހަމަލާދީ މުޅި އެ ބޭސްވަނީ ހަލާކުކޮށްލާފައެވެ.

އެމެރިކާ ސިފައިން ގާއިމްކޮށްފައިވާ ދިފާއީ އެތައް ލޭޔަރެއް ފޫއަޅުވާލާފައި ވަދެ، އީރާނުގެ ޖެޓުތަކުން އެމެރިކާގެ ބޭސްތަކަށް ކާމިޔާބު ކަމާއެކު ބޮންއަޅާފައިވާކަން ބްރިގޭޑިއަރ ޖެނެރަލް މުހައްމަދު އަކްރަމީނިއާ ފާހަގަ ކުރައްވާފައި ވެއެވެ.

އަދި އީރާނުގެ އެއަރ ޑިފެންސުން ކުރި ވަރުގަދަ މަސައްކަތްތަކާ ގުޅޭގޮތުން އޭނާ ވިދާޅުވީ، ހަނގުރާމައިގެ ތެރޭގައި އީރާނުން ދުޝްމަނުންގެ 170 މަތިންދާ ބޯޓަށް ހަމަލާދިން ކަމަށެވެ. އޭގެ ތެރޭގައި އެންމެ މޮޅުކަމަށްބުނާ 16 ފައިޓަރ ޖެޓު ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ. އެއީ ފައިސާގޮތުން ބަލާނަމަވެސް ދެވުނު ބޮޑު ގެއްލުމެއް ކަމަށް ވިދާޅުވިއެވެ.

ބްރިގޭޑިއަރ ޖެނެރަލް މުހައްމަދު އަކްރަމީނިއާ ވަނީ ދުޝްމަނުންނަށް ވަރުގަދަ އިންޒާރެއްވެސް ދެއްވާފައެވެ. ވިދާޅުވީ، އީރާނާ ދެކޮޅަށް އަލުން އުދުވާނު ފަށައި، އީރާނުގެ ސަލާމަތަށް ނުރައްކާކޮށްފިނަމަ އީރާނުން ދެން ދޭ ރައްދު ހަމަލާތައް މާ ނުރައްކާވެފައި ގެއްލުންބޮޑުވާނޭ ކަމަށެވެ.

ދުޝްމަނުންނާ ދެކޮޅަށް އީރާނުން ކުރިން ބޭނުން ނުކުރާ އެތައް ކަންތައްތަކެއް އެބަ ހުރި ކަމަށްވެސް، އީރާނު އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވިއެވެ.

އެމެރިކާއިން ފަހުން ބަނަމުން ގޮސްފައިވަނީ އީރާނުގައި ވައިގެ ފައުޖެއް، ކަނޑުގެ ފައުޖެއް މިހާރު ނެތް ކަމަށެވެ. އީރާނު ކަނޑުގެ ސިފައިންގެ ހުރިހާ މަނަވަރަކަށް އެމެރިކާއިން ބޮންއަޅައި ގޮއްވައި ފައްތާލާފައިވާ ކަމަށެވެ.

ހަމަ އެއާއެކު، އީރާނު އެއަރފޯސްގެ ހުރިހާ ބޯޓަކަށް ބޮންއަޅައި ހަލާކުކޮށްލާފައިވާ ކަމަށްވެސް އެމެރިކާގެ ވެރިން ބުނަމުން ގޮސްފައި ވެއެވެ. އެކަމަކު، އެމެރިކާއިން ބޮންއަޅާފައިވަނީ އީރާނުން އެއަރޕޯޓްތަކުގެ ރަންވޭތަކުގައި ތްރީޑީކޮށް ކުރާފައިވާ ޖެޓުތަކަށް ކަންވެސް ދުނިޔެއަށް ހާމަވެ އެންމެންގެ މަލާމާތްވެސް ރައްދުވެގެންދިޔަކަން ފާހަގަ ކުރެވެއެވެ.