ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން މެންޓަލް ހޮސްޕިޓަލެއް އިމާރާތްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ނިމިދިޔަ އެމްޑީޕީ ސަރުކާރާއި މި ސަރުކާރުން ވެސް މަސައްކަތް ކުރީ ބޭރުގެ ފަންޑެއްގެ ދަށުން އެ ހޮސްޕިޓަލް އިމާރާތްކުރުމަށް ކަމަށެވެ.

ބޭރުގެ ލޯނުގެ އެހީގައި އެ ހޮސްޕިޓަލް އިމާރާތްކުރަން ހަމަޖެހިފައި ވަނީ ލ. ގަމުގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިޝްތިހާރު އިޝްތިހާރު

ރައީސް ވިދާޅުވީ ބޭރުގެ ފަންޑު ހަމަޖެހުން ލަސްވާތީ ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން މާލޭގައި މެންޓަލް ހޮސްޕިޓަލެއް އެޅުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ މަސައްކަތްތައް ކުރިއަށްއޮތް ދުވަސްތަކުގައި ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.

ބޭރުގެ ފަންޑު ހަމަޖެހުމުން ސިއްހީ ދާއިރާގެ މަޝްރޫއެއް އެ ބަޖެޓްގެ ތެރެއިން ހިންގަން ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މާލޭގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަން ނިންމީ އެ ބަލީގައި އެންމެ ގިނަ މީހުން ފަރުވާ ހޯދަމުން ދަނީ މާލެއިން ކަމަށްތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އެ ބައްޔަށް މާލެއިން 8125 ފަރާތަކުން ފަރުވާ ހޯދާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން މެންޓަލް ހެލްތާ ގުޅޭ ބިލެއް ވެސް މަޖިލީހަށް ފޮނުވަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.