ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީންގެ ތެރޭގައި އިންޑިއާ މީހުން ހިމެނޭ މިންވަރު ފަހަކަށް އައިސް އިތުރުވަމުންދާތީ، އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ކަންބޮޑުވުން ފާޅުކޮށް، އެ ގައުމުގެ ރައްޔިތުންނަށް ހާއްސަ އެޑްވައިޒަރީއެއް ނެރެފިއެވެ.
އެންސީބީން ނެރުނު “ހައި-ޕްރަޔޯރިޓީ އެޑްވައިޒަރީ” ގައި ބުނީ ގައުމެއްގެ ގާނޫނު ނޭނގުމަކީ ކުށުން ބަރީއަވުމަށް ދެއްކޭނެ އުޒުރެއް ނޫން ކަމަށެވެ. އެހެންކަމުން، ރާއްޖެއަށް ދަތުރުކުރާ އިންޑިއާގެ ރައްޔިތުން ރާއްޖޭގެ ގާނޫނުތަކަށް ފުރިހަމައަށް ބޯލެނބުމަށާއި، ހަރުކަށި އަދަބުތަކުން ސަލާމަތްވުމަށްޓަކައި ސަމާލުވުމަށް އެ ބިއުރޯއިން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން، އެއާޕޯޓުތަކާއި ބަނދަރުތަކުން ދަތުރުކުރާއިރު ގޮތް ނޭނގޭ މީހުން ދޭ ތަކެއްޗާ ހަވާލުނުވުމަށާއި، އަމިއްލަ ދަބަސްތަކަށް މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް ވެސް އެންސީބީން ވަނީ އިންޑިއާ ދަތުރުވެރިންނަށް އިލްތިމާސްކޮށްފައެވެ.

ރާއްޖޭގެ މަސްތުވާތަކެތީގެ ގާނޫނަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ގެނައި އިސްލާހުގެ ދަށުން، ވަކި މިންވަރަކަށް ވުރެ ގިނައިން މަސްތުވާތަކެތި އެތެރެކޮށްފިނަމަ މަރުގެ އަދަބު ކަނޑައެޅެއެވެ. މިގޮތުން 350 ގްރާމަށް ވުރެ ގިނަ ކެނެބިސް، 250 ގްރާމަށް ވުރެ ގިނަ ޑައިމޯފިން، ނުވަތަ ޖަދުވަލު އެކެއްގައިވާ އެހެން ބާވަތެއްނަމަ 100 ގްރާމަށް ވުރެ ގިނައިން އެތެރެކުރުމަކީ މަރުގެ އަދަބު ލިބިދާނެ ކުށެކެވެ.
މި ބަދަލުތަކަށް އަމަލުކުރަން ފަށާފައި ވަނީ މިދިޔަ މާޗު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެންނެވެ. ގާނޫނުގައިވާ ގޮތުން މަރުގެ އަދަބު ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން އެގޮތަށް ހުކުމް ކުރުމުންނެވެ. އެ ބެންޗުން އިއްތިފާގު ނުވާ ހާލަތްތަކުގައި އިއްވަން ޖެހޭނީ އުމުރަށް ޖަލަށްލުމާ އެކު 100,000 ރުފިޔާއިން ފެށިގެން 10,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އަދަބެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި ފަހަކަށް އައިސް އިންޑިއާ މީހުން މަސްތުވާތަކެއްޗާއެކު ހައްޔަރުކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
މިދިޔަ މަހު އެކަނި ވެސް ތިން މައްސަލައެއްގައި އިންޑިއާގެ ފަސް މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި 6.7 ކިލޯގެ ހަޝިޝް އޮއިލް އެތެރެކުރަން އުޅުނު ބަޔަކު ހިމެނެއެވެ. އަދި މި މަހުގެ ތެރޭގައި ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަސްތުވާތަކެއްޗާއެކު އިންޑިއާގެ ހަތަރު މީހަކު ވަނީ އަތުލައިގަނެފައެވެ.
މިކަމާ ގުޅިގެން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ވެސް ވަނީ ރާއްޖޭގެ ގާނޫނުތަކަށް ފުރިހަމައަށް ބޯލެނބުމަށާއި، ގާނޫނާ ހިލާފު އެއްވެސް ކަމެއްގައި ބައިވެރިނުވުމަށް އެ ގައުމުގެ ދަތުރުވެރިންނަށް އިލްތިމާސްކޮށްފައެވެ.








ކިޔުންތެރިންގެ ހިޔާލު