
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ގައުމަށް ޚިދުމަތްކުރުމުގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ކުރީގެ ލޯކަލް ގަވާމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ދެއްވައިފިއެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް ވިދާޅުވީ ޕީއެންސީގެ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި ވަޒީރުކަމުން ވަކިވެވަޑައިގަތުމާ ގުޅިގެން ސިޓީތަކުގެ މޭޔަރުންނާއި ކައުންސިލްތަކުގެ ރައީސުންނާއި ކައުންސިލް މެންބަރުންނާއި ވުޒާރާގެ މުވައްޒަފުންނާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މުވައްޒަފުންނާއި ޢާންމުންގެ ގިނަ ބަޔަކު ފާޅުކުރައްވަމުންގެންދަވާ އޯގާތެރި ބަސްފުޅުތަކަށް ހިތުގެ ފުންމިނުން ޝުކުރު ދެންނެވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރެވޭނީ ޙަޤީޤީ މާނައިގައި ކައުންސިލްތައް ބާރުވެރިކުރުވައި، ކައުންސިލްތަކާއި ސަރުކާރާއި ރައްޔިތުން ގުޅިގެން މަސައްކަތްކޮށް، ކައުންސިލްތަކަށް އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ މާލީ ފުދުންތެރިކަން ލިބިގެން ކަމަށެވެ. އަދި އަލަށް ހުވާކުރާ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ސަރުކާރާ ގުޅިގެން ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގެ އައު ބާބެއް ރައީސް މުޢިއްޒުގެ ޒަޢާމަތުގައި ފެށިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވަޒީރުކަމަށް އައްޔަންކުރެއްވީ 17 ނޮވެންބަރު 2023 ގައި ރައީސް މުއިއްޒުގެ ފުރަތަމަ ކެބިނެޓް ހުވާކުރެއްވި ދުވަހުއެވެ. އެ މަގާމުން ވަކިވެވަޑައިގަތީ މި މަހުގެ 14 ވަނަ ދުވަހުއެވެ.







ކިޔުންތެރިންގެ ހިޔާލު