
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝިއަރީ ފެންވަރަށް ބަދަލު ކުރުމަށް މިހާރުވެސް މުހިންމު ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެ ހޮސްޕިޓަލުގެ ސީއީއޯ އަޙްމަދު އަޝްރަފް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި، ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ސީއީއޯ އަހޙްމަދު އަޝްރަފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، އެ ހޮސްޕިޓަލުގެ ޚިދުމަތްތައް ޓާޝިއަރީ ފެންވަރަށް ބަދަލު ކުރުމަށް ހުރިހާ ކަމެއް އެކުއެކީގައި ކުރެވޭނެ ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އެގޮތުން އެ ހޮސްޕިޓަލަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި، ބޭނުންވާ ވަސީލަތްތައް ގެނައުމާއި، ހޮސްޕިޓަލުގެ އިމާރާތަށް ބަދަލުތައް ގެނައުމުގެ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

އަޝްރަފް ވިދާޅުވީ، ހޮސްޕިޓަލުގެ ޚިދުމަތްތައް ޓާޝިއަރީ ފެންވަރަށް ބަދަލު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މިއަހަރު ފެށުނީއްސުރެ ބައެއް ޚިދުމަތްތައް ޤާއިމްކުރަމުންދާ ކަމަށެވެ. އެގޮތުން މިހާތަނަށް ކުރި މަސައްކަތުގެ ތެރެއިން ހިތުގެ ޑޮކްޓަރަކާއި، ކިޑްނީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުން ގެނެސްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ނާރުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުން މަހެއްހާ ދުވަހުގެ ތެރޭގައި ގެނެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އަޝްރަފް ވިދާޅުވީ، ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ހިތުގެ އަދި ކިޑްނީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުން ގެނެވުމާއެކު، ތިނަދޫއާއި މުޅި ސަރަހައްދުގެ ރައްޔިތުން ބޭސް ފަރުވާއަށް މާލެއަށް ކުރަމުންދިޔަ ހޭދަ ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.
“ހިތުގެ އަދި ކިޑްނީގެ ޑޮކްޓަރުން ޚިދުމަތަށް ގެނެވުނީމަ އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފާހަގަކުރެވޭ މި ރީޖަންގައި އަދި ޚާއްސަކޮށް ތިނަދޫގައި ދިރިއުޅޭ ފަރާތްތަކުން މާލެއަށް ކުރަމުން ދިޔަ ހޭދަ ވަރަށް ބޮޑަށް ކޮންޓްރޯލްކުރެވިފައި މިހިރީ. އެއީ ރައްޔިތުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެއް”. އަޝްރަފް ވިދާޅުވިއެވެ.
އޭއެސްއެމްއެޗްއިން ފޯރުކޮށްދޭ ޑަޔަލިސިސްގެ ޚިދުމަތަށް އަލިއަޅުއްވާލައްވަމުން އަޝްރަފް ވިދާޅުވީ، އެ ހޮސްޕިޓަލަކީ ޑަޔަލިސިސް ހެދުމަށް ރަޖިސްޓްރީކޮށްފައިވާ 18 ވަރަކަށް މީހުންނަށް ކޮންމެ ހަފުތާއަކު 3 ސެޝަން ނަގައިދެމުންދާ ތަނެއް ކަމަށެވެ. އަދި އެ ހޮސްޕިޓަލުގައި ކިޑްނީގެ ޚާއްސަ ޑޮކްޓަރެއް ހުރުމަކީ އެފަރާތްތަކަށް ލިބޭ ބޮޑު އުފަލެއް ކަމަށެވެ.
” ތިނަދޫއަކީ ގާތްގަނޑަކަށް 18ވަރަކަށް ޑަޔަލިސިސް ހަދާ މީހުން ރަޖިސްޓަރ ވެގެން ހަފްތާއަކު 3 ސެޝަން ނަގަމުންދާ ތަނެއް މިއީ. މަހެއްގެ 150 ސެޝަންސް ޑަޔަލިސިސް ޚިދުމަތަށް އެކަނި ބެލިކަމުގައިވިޔަސް ދެމުން އެބަދޭ. އެބޭފުޅުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު އުފަލެއް ކިޑްނީގެ ޚާއްސަ ޑޮކްޓަރެއް ހުރުމަކީ. އަޅުގަނޑުމެންނަށް އެ ތަފާތު ފެނޭ”. އަޝްރަފް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ތިނަދޫ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ޚިދުމަތްތައް ޓާޝިއަރީ ފެންވަރަށް ބަދަލު ކުރުމަށް މިހާރުވެސް މުހިންމު ގިނަ މަސައްކަތްތަކެއް އަންނަނީ، ކުރަމުންނެވެ. ޚާއްސަކޮށް ޚިދުމަތްތަކަށް ބޭނުންވާ ވަސީލަތްތައް ގެނައުމުގެ މަސައްކަތްތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާ ކަމަށާއި، ދެތިން މަސް ތެރޭގައި ބައެއް މެޝިނަރީޒްތައް ޚިދުމަތަށް ގެނެވޭނެ ކަމަށްވެސް އަޝްރަފް ވިދާޅުވިއެވެ.







ކިޔުންތެރިންގެ ހިޔާލު