ސީލައިފް ފްލެޓްތަކުގެ މައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު (އަންމަޓީ)ގެ މައްޗަށް އުފުލި 42 ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން އިއްވި ހުކުމްގައި ވަނީ އެއީ ޖިނާއީ އަދުލުގެ ނިޒާމަށްވުރެ މަދަނީ އަދުލުގެ ނިޒާމުގެ ތެރެއިން ފިޔަވަޅުއަޅަންޖެހޭ މައްސަލައެއް ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ އޭނާގެ މައްޗަށް އުފުލި ދައުވާގައި ގާނޫލުންއުގޫބާތުގައި ބުނާ ޚިޔާނާތްތެރިވުމުގެ ކުށުގެ އުންސުރުތައް ފުރިހަމައަށް ހަމަވާ ކަމަށް ދެކޭ ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ގަސްތުކުރާ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް، ހަވާލުކޮށްފައި ވަނިކޮށް އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަަމުގެ ތުހުމަތުގައި އަންމަޓީ ހޯދަން އިންޓަޕޯލްގެ ރެޑްނޯޓިސް ވެސް ނެރުނެވެ.

އޭނާ ހައްޔަރުކުރީ ލަންކާގައި ހުއްޓައެވެ.

އަންމަޓީގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ސާބިތުވެއްޖެނަމަ 65 އަހަރުގެ ޖަލު ހުކުމެއް އޭނާއަށް އަންނާނެ އެވެ.