ރާއްޖޭގައި ހިންގާ އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑު ލުޔެއް ދިނުމުގެ ގޮތުން، 20 ކޯޓާއާ ހަމައަށް ފީ ދައްކަން ނުޖެހޭ ގޮތަށް ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް ސަރުކާރުން އިސްލާހު ގެނެސްފިއެވެ.
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ހާމަކުރި ގޮތުގައި، މިދިޔަ ބުދަ ދުވަހު ގަވާއިދަށް ގެނައި މި އިސްލާހުގެ ދަށުން ”އެކްސްޕެޓް ސިސްޓަމް“ މެދުވެރިކޮށް ވިޔަފާރިތަކަށް މި ލުއި ލިބިގެންދާނެއެވެ. މި ބަދަލާއެކު ގާތްގަނޑަކަށް 30،000 އަށް ވުރެ ގިނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ ގޮތުން ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީން ލަފާކުރެއެވެ.
ކުރިން އަމަލުކުރަމުން އައި ގޮތުން ނަމަ، ރާއްޖެއަށް ބިދޭސީން އެތެރެކުރުމަށްޓަކައި ކޯޓާ ފީގެ ގޮތުގައި ކޮންމެ ކޯޓާއަކަށް އަހަރަކު 2،000 ރުފިޔާ ދައްކަންޖެހެއެވެ.

މިނިސްޓްރީން ބުނި ގޮތުގައި މި ބަދަލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި، އެ ފަރާތްތަކުން ހުށަހެޅި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ނިންމެވި ނިންމެވުމެކެވެ.
މި ލުއި ދިނުމުގައި އިންސާނީ ވަގުފާރިއަށް މަގުފަހިވިޔަ ނުދިނުމަށްޓަކައި ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، އެއް ހިއްސާދާރެއް ނުވަތަ އެއް މަސްއޫލުވެރިއެއް ނުވަތަ އެއް ޕާޓްނަރުންތަކެއް ހިމެނޭ ގޮތަށް ހިންގާ ތަފާތު ވިޔަފާރިތަކަށް މި ލުއި ތަކުރާރު ނުވާނެ ގޮތަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. މި ބަދަލާ ގުޅިގެން ވަޒީފާ ދޭ ފަރާތްތަކުން އަމަލުކުރަންޖެހޭ ގޮތުގެ ގައިޑްލައިންތައް މިހާރު އެކްސްޕެޓް ސިސްޓަމްގައި ޝާއިއުކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިޒާމީ ގޮތުން ހުރި މިފަދަ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދީ، ރާއްޖޭގެ އިގުތިސޯދުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދައުރު މިހާރަށްވުރެ ފުޅާކުރުމެވެ.








ކިޔުންތެރިންގެ ހިޔާލު