ހދ. ނެއްލައިދޫ ޕޮލިސް ޕޯސްޓުގެ ފުލުހުން އިސްނަގައިގެން، އެ ރަށުގެ ގޭގެއަށް ޒިޔާރަތްކުރުމުގެ ހާއްސަ ހަރަކާތެއް ފަށައިފިއެވެ.

ހދ. ޕޮލިހުން ބުނިގޮތުގައި ނިމިދިޔަ ހަފްތާގައި ފެށި މި ހަރަކާތަކީ ފުލުހުންނާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، އެކުވެރިކަން އާލާކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ އިޖުތިމާއީ ހަރަކާތެކެވެ.

މި ހަރަކާތުގެ ތެރެއިން ފުލުހުން ގޭގެއަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ދެނެގަތުމާއި، ފުލުހުންގެ ހިދުމަތާ މެދު ރައްޔިތުން ދެކޭގޮތް ބަލަމުންދެއެވެ.

އިޝްތިހާރު އިޝްތިހާރު

މީގެ އިތުރުން، މިއަހަރުގެ ވޯކްޕްލޭން އެކުލަވައިލުމަށް ބޭނުންވާ މުހިންމު މައުލޫމާތުތައް އެއްކުރުމުގެ މަސައްކަތް ވެސް މި ޒިޔާރަތްތަކުގެ ތެރެއިން ކުރެވެމުންއަންކަމަށް ހދ. ޕޮލިހުން ވަނީ ބުނެފައެވެ.

ހދ. ޕޮލިހުން ބުނެފައިވާ ގޮތުގައި މި ހަރަކާތުގެ ތެރެއިން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެގުމަށާއި، ލައިސަންސް އައު ކުރަން ބޭނުންވާ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ވެސް ކުރިއަށްދެއެވެ. މިއީ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ފުލުހުންގެ އެހީތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތެކެވެ.

މި ހަރަކާތުގެ ތެރެއިން، 2026 ޖަނަވަރީ 13 ވަނަ ދުވަހު ނެއްލައިދޫގައި ކުދިން ހިތާނުކޮށްގެން އުޅޭ ގޭގެއަށް ވެސް ފުލުހުން ވަނީ ޒިޔާރަތްކޮށްފައެވެ. ނެއްލައިދޫ ޕޮލިސް ޕޯސްޓުގެ ހުރިހާ މުވައްޒަފުން ބައިވެރިވި މި ޒިޔާރަތުގައި، ޖުމުލަ 6 ގެއަކަށް ގޮސް ކުދިންގެ ހާލުބަލައި، އެ ކުދިންނަށް ހަދިޔާ ބަހާފައިވެއެވެ.

މީގެ އިތުރުން، ހިތާނުކުރި ކުދިންނަށް ނަސޭހަތުގެ ބަސްކޮޅެއް ހިމެނޭ ލިޔުމެއް ވެސް ފުލުހުން ވަނީ ހަދިޔާކޮށްފައެވެ. މި ޒިޔާރަތްތަކުގައި އެ ގޭގޭގެ އާއިލާތަކާ ބައްދަލުކޮށް، އެ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ ވެސް ފުލުހުން ވަނީ ހޯދާފައެވެ.