އުމުރުން ދުވަސްވީ މީހުން އެއްތަނަކުން ދިމާވެ، ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިވާނެ ހަރަކާތްތައް ހިންގަން ހާއްސަކޮށްގެން ރަށްރަށުގައި މަރުކަޒުތަކެއް އަޅަން ސަރުކާރުން ނިންމައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ އިސްރަށްވެހިންނަށް ހާއްސަ ތަންތަން ރަށްރަށުގައި ހުރުން ވަރަށް މުހިންމު ކަމަށް ފެންނާތީ އެ ތަންތަން އެޅުމުގެ މަޝްވަރާތައް ރަށު ކައުންސިލަތަކާ އެކު ކުރަމުން އަންނަ ކަމަށެވެ.

އެ މަޝްވަރާ އިން މިހާތަނަށް 77 ކައުންސިލަކުން އެ ރަށްރަށުގައި ނާދީ ނުވަތަ ޖަގަހަ އަޅަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

ނާދީއެއް ހެދިދާނެ ރަށްތަކުގެ މީހުންނާ އެކު ތަމްރީނުތަކެއް ކުރިއަށް އޮތް ހައެއްކަ މަސް ތެރޭގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

އެ ތަންތަން ހިންގަން ނިންމާފައި ވަނީ މާލޭގައި ކުރީގެ ގުރުއާނާ ބެހޭ މަރުކަޒުގެ ނާދީއާ އެއްގޮތަށް ކަމަށާއި އެ ތަނުން ލިބޭ ހިދުމަތްތައް ރަށްރަށުން ވެސް ލިބޭނެ ގޮތަށް ހަމަޖައްސާނެ ކަމަށް ޑރ. އައިޝަތު ޝިހާމް ވިދާޅުވިއެވެ.

ޖެންޑާ މިނިސްޓްރީން އަންނަނީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ހިމެނޭހެން އެކި ފަރާތްތަކަށް ލުއިފަސޭހަގޮތްތަކެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ.