ރޭގަނޑު 12 ގެ ފަހުން މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާލުކޮށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހޭ ފަދަ ކަމެއް ހިނގާނަމަ އެކަން ކުރުމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިވެހިން ފުލުހުންގެ ޚިދުމަތަށް އަންގަވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މިރެއިން ފެށިގެން މިކަން ތަންފީޒުކުރުމަށް ފުލުހުންނަށް އަންގަވާފައިވާކަމަށެވެ. ރައީސް ވިދާޅުވީ، ރާއްޖޭގައި އުޅެމުންދާ ބައެއް ބިދޭސީން ރޭގަނޑުގެ ދަންވަރު ވަގުތުގައި ރަށުތެރޭގެ އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފަށް އުޅެމުންދާކަމުގެ ކަންބޮޑުވުން ލިބެމުންދާކަމަށެވެ.

އެހެންކަމުން ރޭގަނޑު 12 އިން ފެށިގެން ހެނދުނު 6 ޖެހުމާ ހަމައަށް، އާންމު ތަންތަނުގައާއި އަދި މަގުމަޓީގައި އުޅޭ ބިދޭސީން ހުއްޓުވާ އެމީހުންނާ ސުވާލުކޮށް ހެދުމަށް ދިވެހި ފުލުހުންނަށް އަންގަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

އަދި އެމީހުންނާއި ސުވާލުކުރާއިރު ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފު ކަމެއް ފާހަގަވާނަމަ އެކަމާއި ގުޅިގެން ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅެއްވާނަމަ އެފިޔަވަޅެއް އެޅުމަށް ފުލުހުންނަށް އަންގަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.