ބާރުގަދަ ތޫފާނާއެކު ބޯކޮށް ވާރޭވެހި، ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ގޮސް ހިނގި ހާދިސާތަކުގައި ސްރީލަންކާއިން މަރުވި މީހުންގެ އަދަދު 334 އަށް އަރައިފިއެވެ.

ސްރީލަންކާގެ ކަމާބެހޭ އިދާރާތަކުން ބުނަނީ، 370 މީހުން ގެއްލިފައިވާ ކަމަށެވެ.

ގެއްލިފައިވާ މީހުން ހޯދުމާއި، މީހުން ސަލާމަތް ކުރުމާއި، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގައ ސްރީލަންކާއާއި އަދި އަވަށްޓެރި ގައުމުތަކުގެ ޓީމުތައް ދަނީ ހަރަކާތްތެރި ވަމުންނެވެ.

އިޝްތިހާރު އިޝްތިހާރު

ފެންބޮޑުވުމާއި، ގެދޮރު އެއްކޮށް ހަލާކުވުމުގެ ސަބަބުން މަގުމަތިވެފައިވާ މީހުންގެ އަދަދު މިހާރު ވަނީ ދެލައްކައާ ގާތްކޮށްފައެވެ.

ގެދޮރު ހަލާކުވެ ހާލުގައި ޖެހިފައިވާ މީހުން ސަރުކާރުގެ ވަގުތީ ހިޔާތަކަށް ބަދަލުކުރަމުން ގެންދާއިރު، އެކި ގޮތްގޮތުން ވިއްސާރައިގެ އަސަރު ކުރި މީހުންގެ އަދަދު މިލިއަނަކަށް އަރާފައި ވެއެވެ.

ތޫފާނުގައި އެންމެ ބޮޑެތި އަސަރުތަކެއް ކޮށްފައިވަނީ ސްރީލަންކާގެ އުތުރާއި، އިރުމައްޗާއި އަދި ދެކުނުގެ އައްސޭރިފަށުގެ ހިސާބުތަކުގައި ދިރިއުޅޭ އާބާދީ ތަކަށެވެ. އެގޮތުން، އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ ޖަފްނާ، ޓްރިންކޮމަލީ، ބަޓިކަލޯ، ހަމްބަންޓޯޓާ އަދި މަޓާރާއަށެވެ.

ހުއްޓާނުލާ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ޚާއްސަކޮށް ބިންތިރި ހިސާބުތަކުގައި ފެންބޮޑުވެ، އެތައްހާސް ގެއެއް ފެނުއަޑިޔަށް ދިޔައެވެ. ބިންގަނޑު ކަނޑައިގެން ދިއުމުގެ އެތައް ހާދިސާއެއް ހިނގާފައި ވެއެވެ. ގަސްތައް މުލުން ލުހި، އެތައް ހިސާބަކުން ކަރަންޓް ކަނޑައިގެން ދިޔައެވެ.

ތޫފާނުގެ ސަބަބުން މަގުތައް ބެދި، ދަތުރުފަތުރަށާއި، އާންމު ދިރިއުޅުމަށް އެތައް ހުރަހެއް ކުރިމަތި ވެގެންދިޔައެވެ.

މިކަމާ ގުޅިގެން މުޅި ސްރީލަންކާގައި ކުއްލި ހާލަތު އިއުލާންކޮށް، ސްރީލަންކާ ސަރުކާރުން އިއްޔެގައި ވަނީ ދުނިޔޭގެ އެހީއަށް އެދިފައެވެ. އަދި އެކަމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ގެންދަނީ ސްރީލަންކާއަށް އިންސާނީ އެހީ ފޯރުކޮށްދެމުންނެވެ.