އަންހެނުންނަކީ އިޖުތިމާޢީ އަދި ރަސްމީ ޚިދުމަތުގެ އިތުރަށް ގޭތެރޭގެ ވަރަށް ބޮޑު އަދި ބުރަ ޒިންމާތަކެއް އުފުލާ ބައެއް ކަމަށާއި، މިފަދަ ހުނަރުތައް ދަސްކޮށްދިނުމުން މުޖުތަމަޢަށް ބޮޑެތި ބަދަލުތައް އަންނާނެކަން ޔަޤީންކުރައްވާ ކަމަށް ފަސްޓް ލޭޑީ، މެޑަމް ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ސްޓެލްކޯއިން އަންހެނުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔަ ''ބިގިނަރސް އިލެކްޓްރީޝަން ކޯސް ފޯރ ވިމެން'' ގެ ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ކޯހުގެ މައިގަނޑު މަޤުޞަދަކީ ގޭތެރޭގައި ދިމާވާ ކަރަންޓުގެ މައްސަލަތައް އަންހެނުންނަށް އަމިއްލައަށް ހައްލުކުރެވޭނެ މަގުފަހިކޮށްދިނުމެވެ.
މެޑަމް ސާޖިދާ ވިދާޅުވީ، މިއީ އަސާސީ ފެންވަރުގެ ކޯހެއް ނަމަވެސް، އަންހެނުންނަށް ޢިލްމާއި، ހުނަރާއި ތަމްރީން ލިބިގެންދާތީ، މިއީ ވަރަށް ބޮޑު ހެޔޮ ބަދަލެއްގެ ފެށުން ކަމަށެވެ.
''ގޭތެރެއިން މަންމަގެ ފަރާތުން ދަރިންނަށް މަސައްކަތްތައް ދަސްވެ، ދިރިގެން އައުމަކީ އާންމުކަމެއް. މި ކޯހުގެ ސަބަބުން މުޖުތަމަޢަށާއި އަންހެނުންގެ ހުނަރާއި ކެރުމާއި އުފެއްދުންތެރިކަމަށް ކުރިއެރުންތަކެއް އަންނާނެ.'' އެކަމަނާ ވިދާޅުވިއެވެ.
ސްޓެލްކޯއިން ޖުމުލަ 7 ބުރަކަށް ބަހާލައިގެން ހިންގި މި ''ބިގިނަރސް އިލެކްޓްރީޝަން ކޯސް ފޯރ ވިމެން'' ޖުމުލަ 116 ބައިވެރިން ވަނީ ފުރިހަމަކޮށްފައެވެ. މިއަދުގެ ރަސްމިއްޔާތުގައި ކޯސް ފުރިހަމަކުރި 81 ބައިވެރިޔަކަށް ސެޓްފިކެޓް ޙަވާލުކުރިއެވެ. މެޑަމް ސާޖިދާ މުޙައްމަދު ވަނީ 30 ބައިވެރިއަކަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވާފައެވެ.
މި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަމާހް ރަޝީދު އާއި އެ ކުންފުނީގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.