ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ހުރަހަކަށް ދުވަހަކުވެސް ހަމާސް ނުވާކަމަށް ބުނެ، ހަމާސްއިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަރުގަދަ ރައްދެއް ދީފިއެވެ.

ހަމާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ދިއުމުގައި ނާކާމިޔާބުވުމުގެ ޒިންމާ އުފުލަންޖެހެނީ ހަމާސްއިން ނޫން ކަމަށެވެ.

އެއްބަސްވުމަކަށް ދިއުމަށް ކުރެވުނު ކޮންމެ މަސައްކަތަކަށް ހުރަސްއެޅި ހަމައެކަނި މީހަކީ ނަތަންޔާހޫކަން އެމެރިކާއަށާއި، ވާހަކަތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރި ފަރާތްތަކާއި އަދި ދުނިޔެވެސް ދަންނާނެ ކަމަށް ހަމާސްއިން ބުނެފައި ވެއެވެ.

އިޝްތިހާރު އިޝްތިހާރު

އދގެ އާންމު މަޖިލީހުގެ ޖަލްސާގައި މިރޭ ތަގްރީރު ކުރަމުން އެމެރިކާގެ ރައީސް ޓްރަމްޕް ބުނެފައިވަނީ، ސުލްހަ ގާއިމްކުރުމަށް ހުށަހެޅުނީ ރަނގަޅު ހުށަހެޅުންތަކެއް ކަމަށާއި، ނަމަވެސް އެ ހުށަހެޅުންތަކަށް ހަމާސްއިން ތަކުރާރުކޮށް ދެކޮޅުހެދީ ކަމަށެވެ.

ޓްރަމްޕްގެ ވާހަކައިގައި، ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެންނަންޖެހޭ ކަމަށް ބުނެފައި ވެއެވެ. ސުލްހައިގެ ވާހަކަ ދައްކަންޖެހޭ ކަމަށާއި، އިސްރާއީލުގެ ހުރިހާ ގައިދީން މިނިވަންކުރަންޖެހޭ ކަމަށްވެސް ބުންޏެވެ.

ޣައްޒާ ހަނގުރާމަ ހުއްޓުވަން އޭނާ ވަރަށް ފުންކޮށް ޝާމިލްވަމުންދާ ކަމަށްވެސް ޓްރަމްޕް ބުނެފައި ވެއެވެ.

މީގެކުރިންވެސް ޣައްޒާ ހަނގުރާމަ ހުއްޓުވާނެ ކަމަށް އެމެރިކާގެ ރައީސް އެތައް ފަހަރަކު ބުނެފައި ވެއެވެ. ވެރިކަމާ ހަވާލުވެ ފުރަތަމަ ކުރާނީ އެކަން ކަމަށްވެސް ބުންޏެވެ.

އެކަމަކު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް، އިސްރާއީލުގެ ބޮޑުވަޒީރު މުޖުރިމު ނަތަންޔާހޫގެ މައްޗަށް އެއްވެސް ކޮންޓްރޯލެއް ނޯންނަކަން މުޅި ދުނިޔެއަށްވެސް ހާމަވެގެން ގޮސްފައި ވެއެވެ.