ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ބައެއް ސަރަހައްދުތަކުން ފެން ހިންދުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ މާލޭގެ ތިން ސަރަހައްދަކުން ފެން ހިންދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެއީ އައިޖީއެމްއެޗް، ވެސްޓްޕާކް އަދި މާފަންނު ފެރީ ޓާމިނަލް ހިސާބުން ކަމަށެވެ.

މިހާރު މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވަމުންދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ ސިފައިން ހަރަލާތްތެރިވަމުންގެންދާ ކަމަށާއި މިވަގުތު ފެން ހިންދުމަށްޓަކައި މާލޭގެ ތިން ސަރަހައްދެއްގައި ހަތް ޕަމްޕު ބަހައްޓައިގެން ސިފައިން ހަރަކާތްތެރިވަމުންގެންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އިޝްތިހާރު އިޝްތިހާރު

ވިއްސާރައާ ގުޅިގެން މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު ވަނީ ބައެއް ސަރަހައްދުތަކަށް ރީނދޫ އެލާޓް ވެސް ނެރެފައެވެ. އެއީ ކ. އަތޮޅުން ލ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި އެ ސަރަހައްދުތަކަށް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެއެވެ. އަދި ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް ވެސް މެޓުން ވަނީ ލަފާކޮށްފައެވެ.