އަށް އަހަރު ފަހުން ތެލަސީމިއާ ސެންޓަރަށް ޑިރެކްޓާ ޖެނެރަލަކު އައްޔަންކޮށްފިއެވެ.

ސަރުކާރުން ތެލަސީމިއާ ސެންޓަރަށް ޑިރެކްޓާ ޖެނެރަލަކު އައްޔަންކޮށްފައި މިވަނީ، ތެލަސީމިއާ ސެންޓަރުން ދޭ ހިދުމަތްތަކާ މެދު ހިތްހަމަނުޖެހި، ލޭ އަޅާ މީހުންނާއި ކުދިންގެ ބެލެނިވެރިން ވަނީ އެ ސެންޓަރު ދޮށުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިހުތިޖާޖުކުރުމާ ގުޅިގެން އެ ސެންޓަރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަޑައިގެން ވަރުގަދަ ފިޔަވަޅުތަކެއް އެޅުއްވުމަށް އަންގަވާފައި ވަނިކޮށެވެ.

ހެލްތު މިނިސްޓްރީން ތެލަސީމިއާ ސެންޓަރުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް މިއަދު އައްޔަންކުރީ އަހުމަދު މައުސޫމެވެ.

އިޝްތިހާރު އިޝްތިހާރު

މައުސޫމް އަކީ މެނޭޖްމަންޓް ދާއިރާގައި އަދި ހިންގުމުގެ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ. މީގެ ކުރިން މައުސޫމް ވަނީ އައިޖީއެމްއެޗްގައި ވެސް މަސައްކަތް ކުރައްވައިފައެވެ.

ހެލްތު މިނިސްޓްރީން ބުނީ ތެލަސީމިއާ ސެންޓަރަށް ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްއަކާއި ޑިރެކްޓަރެއްގެ މަގާމަށް ވެސް ދެ ބޭފުޅުން ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށާއި ވަރަށް އަވަހަށް ފިޒީޝަނެއް ވެސް ހަމަޖެހިގެންދާނެ ކަމަށެވެ.

އޭގެ އިތުރުން އެތަނަށް ތެލަސީމިއާ ސެންޓަރަށް ބޭނުންވާ ފަސް ނަރުހުން ހޯދުމަށްވެސް މިއަދު ވަނީ އިއުލާންކޮށްފައެވެ. އަދި އެހެނިހެން އިދާރީ މުވައްޒަފުންވެސް ހަމަޖެއްސުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.