މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޕޯޓްފޯލިއޯ ސެގްމަންޓުގައި މި ހަފްތާ މިގެނެސްދެނީ އެ ކުންފުނީގައި އެންމެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ މުވައްޒަފުންގެ ތެރޭގައި ހިމެނޭ އަބްދުﷲ ރަޝީދު އެވެ. އެމްޕީއެލްގެ ޕޯޓް އޮޕަރޭޝަން ޑިޕާޓްމަންޓުގައި މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ އަބްދުﷲ އަކީ އެ ކުންފުންޏަށް އަދި މާލޭގެ ވިޔަފާރި ބަނދަރަށް ފާއިތުވި 39 އަހަރުގެ ތެރޭގައި އައިސްފައިވާ ކުރިއެރުންތައް އެންމެ ކައިރިން ތަޖުރިބާކުރި އެއް މުވައްޒަފެވެ.
އަޅުގަނޑު އެމްޕީއެލްއާ ގުޅުނީ 2 ޖޫން 1994 ވަނަ އަހަރު ޓެލީ ކުލާކެއްގެ ވަޒީފާއަށް. ޓެލީ ކުލާކެއްގެ ވަޒީފާއަށްފަހު 2013 ވަނަ އަހަރު އަޅުގަނޑު ވަޒީފާ ބަދަލުވެގެން ދިޔައީ ޑޭޓާ ޕްރޮސެސިން އޮފިސަރެއްގެ ގޮތުގައި އޮފީސް އެތެރޭގައި މަސައްކަތް ކުރާ ގޮތަށް. އެއަށްފަހު މެނޭޖަރެއްގެ ގޮތުގައި ޕޯޓް އޮޕަރޭޝަން ޑިޕާޓްމަންޓުގައި މިހާރު މިހުރީ. އަޅުގަނޑު އެމްޕީއެލްގައި ވަޒީފާ އަދާކުރާތާ މިއަހަރަށް 32 އަހަރު ފުރޭނެ – އަބްދުﷲ
ކުރަންޖެހޭ މަސައްކަތްތަކަކީ ކޮބާ؟ މަގާމުގެ ހައިސިއްޔަތުން އަޅުގަނޑު ކުރާ މަސައްކަތަކީ ކާގޯ ބޯޓު ފަހަރުގައި ރާއްޖެ އެތެރެކުރާ ކޮންޓެއިނާގެ އިންބައުންޑް އައުޓްބައުންޑް ބެލެހެއްޓުމާއި، އޭގެ ސްޓޯރޭޖު ކަންތައްތައް ބެލެހެއްޓުން. ދެން އޭގެ ތަފާސްހިސާބުތައް ނަގާ އެ ހިއްސާކުރަންޖެހޭ ފަރާތްތަކާ ހިއްސާކޮށް، ސްޓޯރޭޖު ބިލް އަޕްޑޭޓްކޮށް ފައިނޭންސަށް ފޮނުވުން.
މަސައްކަތުގެ ދާއިރާއިން ލިބުނު ތަމްރީނާއި ތަޖުރިބާއަކީ ކޮބާ؟ އެމްޕީއެލްގައި މި ހޭދަވި ދިގު މުއްދަތުގެ ތެރޭގައި އިންހައުސް ވަރަށް ގިނަ ތަމްރީންތައް ފުރިހަމަކުރިން. މީގެއިތުރުން 2000 ވަނަ އަހަރު ސިންގަޕޫރުގެ ޕޯޓް ޓްރެއިނިން ސެންޓަރުން އަދި 2022 ވަނަ އަހަރު ސްރީލަންކާގެ މަހަޕޯލާ އިންސްޓިޓިއުޓުން ތަމްރީން ފުރިހަމަކޮށްފައިވާނެ.
ކުރެވުނު އެންމެ ތަފާތު ތަޖުރިބާއަކީ ކޮބާ؟ އަޅުގަނޑު އެމްޕީއެލްއާ ގުޅުނުއިރު ކޮންޓެއިނަރ ބާލަން ގެންގުޅެނީ 12 ޓަނުގެ އެންމެ ކެރޭނަކާއި ފޯކްލިފްޓެއް. ދެން އެމްޓީސީސީން ގެންގުޅުނު ރާނީ ކެރޭން ކިޔާ ކެރޭނެއް ކުއްޔަށް ނަގައިގެން އޭރު މަސައްކަތްކުރީ. އޭރު ކާގޯ ބޯޓުގައި ހުންނަ މީހަކު ގޮވާލާނެ ވޯކީޓޯކިން އޭގައި ހުރި ކޮންޓެއިނަރުގެ އަދަދާއި މުދަލުގެ ބައެއް މައުލޫމާތު. ޔައުމިއްޔާ ލިޔާހެން އެ މައުލޫމާތު އޭރު އަތުން ލިޔުނީ. ފަހުން ބޯޓުގެ މެނިފެސްޓް ފޮޓޯ ކޮޕީ ނަގައިގެން ބޮޑެތި ކަރުދާސްތަކުގައި ގެންނާނެ. މިއަދު ހުރިހާ ކަމެއް ޑިޖިޓަލްވިޔަސް އޭރު އެކަން ކުރީ މެނުއަލްކޮށް، އަތުން. އަޅުގަނޑު ދަންނަވާނީ ބަނދަރަށް ވަރަށް ބޮޑު ތަރައްގީއެއް މިދިޔަ އަހަރުތަކުގައި އައިސްފިއޭ. އަޅުގަނޑަށް އެ މަންޒަރުތައް ވަރަށް ގާތުން ތަޖުރިބާކުރުމުގެ ފުރުސަތު ލިބުނު.
ޒުވާނުންނަށް ބުނާނީ ކީކޭ؟
އެމްޕީއެލްގެ ވަޒީފާތަކަށް ޝައުގުވެރިވާ ޒުވާނުންނަށް އަޅުގަނޑު ބުނާނީ މިކުންފުންޏަކީ ވަރަށް ގިނަ ދާއިރާތަކުން ކުރިއަށް ދިއުމަށް ފުރުސަތުތައް ހުޅުވިފައި އޮތް ކުންފުންޏެކޭ. އެހެންވީމާ ޒުވާނުންނަށް އެންމެ ތިރިން ފަށައިގެން ތަޖުރިބާ ހޯދައިގެން ކުރިއަށް ދިއުމަށް މަސައްކަތް ކުރަން ވަރަށް ރަނގަޅޭ. ފުރުސަތުތައް އެބަހުއްޓޭ – އަބްދުﷲ