ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫގައި އިމާރާތްކޮށްފައިވާ ބަނދަރުހިޔާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ޙުސައިން މުޙައްމަދު ލަޠީފު ރޭ ހުޅުއްވައިދެއްވައިފިއެވެ.
ރިނބުދޫ ބަނދަރު ސަރަހައްދުގައި ބޭއްވުނު މި ރަސްމިއްޔާތުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ރިނބުދޫއަކީ ރަށުވަންތަކަމުގެ، ރީތި އިހުސާސާއި، ސާފުތާހިރުކަމާ، ރައްޔިތުންގެ އެއްބައިވަންތަ ކަމަށް ލޯބިކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއްކަން ފާހަގަކުރެއްވިއެވެ. އަދި އިޖުތިމާއީ ގުޅުން ބަދަހި ކުރުމަށާ، ރަށުގެ ރަށުވަންތަކަން ހިފެހެއްޓުމަށްޓަކައި ކައުންސިލުން އިސްވެ ރައްޔިތުންނާ ގުޅިގެން ކުރަމުންދާ މަސައްކަތަށް ޝުކުރު އަދާ ކުރައްވައި، އެގޮތުގައި ރަށުގެ މުސްތަގުބަލު އުޖާލާ ކުރުމަށް މަސައްކަތް ކުރުމަށް އެމަނިކުފާނު ވާހަކަފުޅުގައި ބާރުއެޅުއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ކޮންމެ އިންސާނަކީވެސް ވިސްނުމުގެ ތަފާތުތަކެއް ހުރި މީހެއްކަން ގަބޫލު ކުރަންޖެހޭނެ ކަމަށާ ހިޔާލު ތަފާތުވުން ތަކެއް ހުންނާނެ ކަމުގައި ފާހަގަ ކުރެއްވިއެވެ. އެހެންނަމަވެސް މިފަދަ ހިޔާތަކުގައި މަޑުކޮށްލައިގެން ތިބެ ދެކެވޭ ވާހަކައިގެ ސަބަބުން، ދިމާވާ ހިތްހަމަ ނުޖެހުންވެސް އަދި އަޅުގަނޑުމެންގެ ހިތްތަކުގައި ހުންނަ ނުތަނަވަސްކަންވެސް ފިލައި، އެކުވެރިކަމާ، އާއިލީގުޅުން ބަދަހި ކުރުމުގެ ފުރުސަތު ފަހިވެގެންދާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން، މިފަދަ އިޖުތިމާއީ ކަންކަމަށް އިސްނަގައިގެން މަސައްކަތް ކުރާ ކޮންމެ ކައުންސިލަކަށް ސަރުކާރުން ފުރިމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިތުރަށް ވިދާޅުވީ، މުޅިދުނިޔެއަށް މިއަދު ކުރިމަތިވަމުންދާ ކަންތައްތަކަށް ހައްލު ހޯއްދަވައި ދެއްވުމަށްޓަކައި ކެރިވަޑައިގެން ސާބިތުކަމާއެކުގައި ރައީސުލްޖުމްހޫރިއްޔާ ހުންނެވިތަން ދިވެހި ރައްޔިތުންނަށް ފެނިގެންދާ ކަމުގައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރެއް އެބައޮތްކަމަށާއި، އެމަނިކުފާނަކީ ދިވެހި ރައްޔިތުންގެ އަސާސީ ހައްގަކަށް އުނިކަން ނާންނާނެ ފަދައިން ކަންކަން ކުރައްވަމުން ގެންދަވާ ބޭފުޅެއްކަން ހާމަވެގެންދާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިސަރުކާރުން ރިނބުދޫގެ ތަރައްގީއަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، ކައުންސިލުގެ އާއިމާރާތް ކުރިޔަށްދާކަމަށާއި، ސިއްހީ މަރުކަޒަށް ބޭނުންވާ އިތުރު އިމާރާތްވެސް އެޅޭނެ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރޭގެ ރަސްމިއްޔާތުގައި ރިނބުދޫ ކައުންސިލުންވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ހަނދާނީ ފިލާއެއް އަރުވާފައެވެ. ބަނދަރުހިޔާ ހުޅުވުމަށްފަހު، ރައިސުލްޖުމްހޫރިއްޔާގެ ނައިބު، އެ އިމާރާތް ބައްލަވާލެއްވިއެވެ.
މީގެ އިތުރުން ރިނބުދޫގެ ޒުވާނުންގެ ދައުވަތަކަށް ރިނބުދޫގެ ދެ ޓީމެއް ކުޅުނު ފުޓްސަލް މެޗުގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.