ސީނިއާ އަންހެން ގައުމީ ވޮލީބޯޅަ ޓީމުގެ ކެޕްޓަންގެ ޒިންމާ ޒުވާން ތަރި އައިމިނަތު ޝަހާ ޝާމިންއާ ހަވާލުކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސީނިއާ އަންހެން ގައުމީ ވޮލީބޯޅަ ޓީމުގެ ކެޕްޓަނަކަށް ޝަހާ ހަމަޖެއްސީ ގައުމީ ޓީމުގެ ކުޅުންތެރިންނާއި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ވީއޭއެމްގެ ވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފްވެސް ވަނީ ސީނިއާ އަންހެން ގައުމީ ވޮލީބޯޅަ ޓީމުގެ ކެޕްޓަނަކަށް ޝަހާ ހަމަޖެއްސިކަން ކަށަވަރުކޮށްދީފައެވެ. ލަތީފް ވިދާޅުވީ ޝަހާއަށް ކެޕްޓަންކަމުގެ ޒިންމާ ހަވާލުކުރީ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ)ގެ ޕާފޯމެންސް ދައްވެގެން ނޫންކަމަށާއި، މިއީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމަށް ގެނައި ބަދަލެއްކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

ސީނިއާ އަންހެން ގައުމީ ވޮލީބޯޅަ ޓީމުގެ ކެޕްޓަނަކަށް ޝަހާ ހަމަޖެއްސިއިރު، ގައުމީ ޓީމުގެ ކެޕްޓަންކަމުގެ ޒިންމާ އަދާކުރުން އެއީ ދެކެމުން އަންނަ ހުވަފެނެއްކަމަށް ޝަހާ ވަނީ މީގެކުރިން ބުނެފައެވެ.

އދ. ދިއްދޫއަށް އުފަން ޝަހާ ވިދާލީ އުމުރުން އެންމެ 16 އަހަރުގައި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުންނެވެ. އިންޓަރ ސްކޫލު މުބާރާތްތަކުގައި ދެއްކި މޮޅު ކުޅުމާއެކު، ޝަހާއަށް ގައުމީ ސްކޮޑުން ޖާގަ ދިންއިރު، އޭގެފަހުން އޭނާ އަންނަނީ ގައުމީ ސްކޮޑުން ޖާގަ ކަށަވަރުކުރަމުންނެވެ. އަދި މި ފަހުން ގައުމީ ޖާޒީގައި ކާވާ މުބާރާތްތަކުގައި ޝަހާ ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ.

ވޮލީގައި ޝަހާގެ ސީނިއާ ކެރިޔަރު ފެށީ ޕޮލިސް ކުލަބުންނެވެ. އެ ފަހުން ކުލަބް ވެމްކޯއިންވެސް ޝަހާ ފެނިގެންދިޔައެވެ. އެކަމަކު އެނބުރި ޕޮލިސް ކުލަބާ ގުޅުމަށްފަހު މި ފަހުން ބޭއްވި ވީއޭއެމް އެސޯސިއޭޝަން ކަޕުގައި ޕޮލިސް ކުލަބްގެ ކެޕްޓަންކަންވެސް ޝަހާ ކޮށްފައިވެއެވެ.

2018 ވަނަ އަހަރު "މިހާރު އެވޯޑްސް"ގެ އެންމެ އުއްމީދީ ވޮލީ ކުޅުންތެރިޔާގެ މަގާމު ޝަހާ ހޯދިއިރު، އެކި ފަހަރު މަތިން މޯލްޑިވްސް ސްޕޯޓްސް އެވޯޑަށްވެސް ޝަހާ ވަނީ ނޮމިނޭޓްވެފައެވެ.

ޝަހާގެ ކެޕްޓަންކަމުގެ ދަށުން ގައުމީ ޓީމުން ފުރަތަމަ ނުކުންނާނީ ކުރިއަށްއޮތް ސައުތު އޭޝިއަން ގޭމްސްއަށެވެ. މި މުބާރާތަށް ގައުމީ ޓީމުން ފަރިތަކުރުންތައް ފަށާފައިވާއިރު، ފަރިތަކުރުންތަކުގައި މުހިއްމު ބައެއް ސީނިއާ ކުޅުންތެރިން ބައިވެރިއެއް ނުވާކަމުގެ މައުލޫމާތު ވަނީ ޕީއެސްއެމް ނިއުސްއަށް ލިބިފައެވެ.